ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހާޑްވެއާރގެ ވިޔަފާރި ކުރަމުންދާ ސްޓީލް ހާޑްވެއާރގެ ހުރިހާ ޑިރެކްޓަރުން ހައްޔަރުކޮށްފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ފަރާތްތައް ހައްޔަރުކޮށްފައި ވަނީ ހޯމަ ދުވަހުގެރޭ 11 އާއި 12 އާއި ދެމެދުގެ ވަގުތެއްގައެވެ.
އާއިލީ ވިޔަފާރިއެއްގައި ހިމެނޭ މި ފަސް ފަރާތުގެ އާއިލާގެ ފަރާތުން ރާއްޖެއެމްވީއަށް މަޢުލޫމާތު ދެއްވި ބޭފުޅަކު ވިދާޅުވީ، ހައްޔަރުކުރި ފަރާތްތަކުގެ ތެރެއިން އެކަކު ހޯމަ ދުވަހުގެރޭ 1 ޖަހަން ގާތްވެފައިވަނިކޮށް ދޫކޮށްލާފައިވާ ކަމަށެވެ.
ހައްޔަރުކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި އާއިލީ ގޮތުން ގުޅުން ވެސް އޮންނަ މި ފަސް ބޭފުޅުން ހައްޔަރުކުރީ ކޮން މައްސަލައަކާ ގުޅިގެންކަން ސާފު ނުވާ ކަމަށް އާއިލާގެ ފަރާތުން ވަނީ ބުނެފައެވެ.
ފަނޑިޔާރު އަލީ ހަމީދާ ގުޅުން އޮންނަ ފަރާތްތަކެއް ހައްޔަރުކޮށްފައިވާއިރު، މި ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުގެރޭ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށް، ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރި ފަހުން، ފުލުހުން ވަނީ ފަނޑިޔާރު އަލީ ހަމީދުގެ އަނބިކަނބަލުންނާއި، އެމަނިކުފާނުގެ އާއިލާގެ އެހެން ވެސް ބައެއް ބޭފުޅުން ހައްޔަރުކޮށްފައެވެ.