ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އޮންނަ ވަގުތެއް، އެޖެންޑާއެއް ހަމަނުކޮށް، އަންގާރަ ދުވަހު މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާއެއް އޮންނާނެ ކަމަށް ބުނެ މަޖިލީހުގެ އިދާރާއިން މެމްބަރުންނަށް މެސެޖް ކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ އެޖެންޑައެއް މަޖިލީހުގެ ރަސްމީ ވެބްސައިޓަށް މިހާތަނަށް އަރުވާފައިނުވި ނަމަވެސް އަންގާރަ ދުވަހު މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ކަމަށް މަޖިލީހުގެ ބައެއް މެމްބަރުންނަށް ވަނީ މެސެޖްގެ ޒަރީއާއިން އަންގާފައެވެ. ނަމަވެސް އެ މެސެޖްގައިވެސް ޖަލްސާ އިންނަ ވަގުތާއި އެޖެންޑާއެއް އެނގޭކަށް ނެތެވެ.
މަޖިލީހުގެ ދައުރުން ބޭނުން ހޯމަ ދުވަހުވެސް ވަނީ ހާއްސަ ޖަލްސާއެއް ބާއްވާފައެވެ. މިޖަލްސާގައި ވަނީ އަންގާރަ ދުވަހަށް (މިއަދަށް) ހަމަވާ 15 ދުވަހުގެ ކުއްލި ނުރައްކުގެ ހާލަތާމެދު ގޮތެއް ނިންމުމަށާއި އެ މުއްދަތުގެ އިތުރުން އިތުރު 30 ދުވަސް ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކުރުމަށް ރައީސް އަބްދުﷲ ޔާމީން ހުށަހަޅުއްވާފައިވާ މައްސަލައެވެ.
އެ މައްސަލަ މަޖިލީހުން ވަނީ އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމެޓީއަށް ފޮނުވާފަ އެވެ. އެގޮތށް ނިންމީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 38 މެމްބަރުންގެ އިއްތިފާގުން ނެވެ.
ކޮމެޓީން ވަނީ ސަރުކާރުން ހުށަހެޅި ގޮތަށް ފާސްކޮށްފައެވެ.
ދެން އެމައްސަލަ ފޮނުވާނީ މަޖިލީހުގެ ތަޅުމަށެވެ. އެމައްސަލަ މަޖިލީހުގެ ތަޅުމުން ފާސްވެއްޖެނަމަ ކުއްލި ނުރައްކަލުގެ ހާލަތު ޖުލްމަ 45 ދުވަަަހަށް ދެމިގެންދާނެއެވެ.
އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ 12 މެންބަރުން ނުވައްދައި ޖަލްސާ ކުރިއަށް ގެންދާތީ އިދިކޮޅު ފަރާތްތަކުން ވަނީ ޖަލްސާ ބޮއިކޮޓްކޮށްފައެވެ. ޖަލްސާގައި ތިއްބެވީ ސަރުކާރަށް ތާއިދުކުރާ 39 މެންބަރުންނެވެ.
ރައީސް ޔާމީން މަޖިލީހަށް ފޮނުއްވާފައިވާ ސިޓީގައި މައިގަނޑު ގޮތެއްގައި ވިދާޅުވެފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރިއިރު އޮތް ހާލަތު އަދިވެސް އެބައޮތް ކަމަށާއި އެހެންކަމުން މިހާރު އިއުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތަށް އިތުރު 30 ދުވަހުގެ މުއްދަތު އިތުރު ކުރުމަށް މަޖިލީހަށް ހުށަހަޅުއްވާ ކަމަށެވެ.
ގާނޫނުއަސާސީގެ ބޭނުން ކެނޑިގެންދާނެ ކަމަށް ގަބޫލު ކުރެވިގެން ކަމަށް ވިދާޅުވެ، މުޅި ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު 15 ދުވަހަށް ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރައްވާފައި ވަނީ މި ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުގެ ރެއެވެ.
ދައުލަތުގެ މީޑިއާ މެދުވެރިކޮށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވީ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރެވެ.