ކުއްލި ނުރައްކަލުގެ ހާލަތު 45 ދުވަހަށް ދިގު ދަންމާލަން ހުށާހެޅީ ޤާނޫނުއަސާސީ ޙިމާޔަތްކޮށް ޤާނޫނު ނެގެހެއްޓުމަށާއި، ޤައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަން ދެމެހެއްޓުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ ޖަލްސާއަށް ރައީސް އަބްދުﷲ ޔާމީން ހުށަހެޅުއްވި ގަރާރު ޤައުމީ ސަލާމަތާއިބެހޭ ކޮމިޓީއަށް ފޮނުވާފައި ވަނީ ޙާޒިރުވެވަޑައިގެންނެވި 39 މެމްބަރުންގެ ތެރެއިން 38 މެމްބަރުންގެ ވޯޓާއެކުގައެވެ. ކޮމިޓީން މި ހުށަހެޅުން ފާސްކޮށްފައި ވަނީ ރައީސް ޔާމީން ހުށަހެޅުއްވި ގޮތަށެވެ.
ނަމަވެސް ޕީޕީއެމްގައި ހުންނެވި އެންމެ މަޝްހޫރު ގާނޫނީ ވަކީލު، ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް މަޖިލީހުގެ ބާރާއި ކޯޓްތަކުގެ ބާރު ނުހިފެހެއްޓޭނެ ކަމަށާއި އެހެންވެ، ގަރާރު މަޖިލީހުން ފާސްކުރާއިރު އެބައިތައް އުނިކުރަން ފެނިވަޑައިގންނަވާ ކަމަށެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާއަށް ރިޢާޔަތްކުރައްވައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރެއްވީ މި މަހުގެ 5 ވަނަ ދުވަހުގެ ރޭގަ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ ސިޔާސީ ހައްޔަރީންނާއި ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައި ނެރުނު އަމުރުގެެ ސަބަބުން ދިވެހި ދައުލަތުގެ ހިންގުމުގެ ބާރުތައް އޮޅުންބޮޅުންވެ، ޤާނޫނުއަސާސީން ބާރުލިބިދީގެން އުފައްދާފައިވާ މުއައްސަސާތަކުގެ ހިންގުމުގެ ނިޒާމުތަކަށް ބުރޫއަރައި، ޤައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާ އެތައް މަޞްލަޙަތުތަކެއް ގެއްލޭ ހިސާބަށް ގޮސް، ދައުލަތުގެ ހިންގުން އެ އަމުރާ އެއްގޮތަށް ހިންގަން ފަށައިފިނަމަ، ޤާނޫނުއަސާސީގެ ބާރު ކެނޑިދާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް ރައީސް ޔާމީނަށް ފެނިވަޑައިގަންނަވާތީ އެވެ.
ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ގޮތުގައި މި ސަބަބުތަކަކީ ކުއްލި ނުރައްކަލުގެ ހާލަތު ގެނެވޭނެ ސަބަބުތަކެއް ނޫން ކަމަށް އިދިކޮޅު ފަރާތްތަކުންނާއި ގިނަ އަދަދެއްގެ ގާނޫނީ ވަކީލުން ވިދާޅުވެ އެވެ.