ކުއްލި ނުރައްކަލުގެ ހާލަތާމެދު ގޮތެއް ނިންމަން ހޯމަ ދުވަހުގެ ރޭ ބާއްވަން މަސައްކަތް ކުރި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނުބޭއްވީ އެ ގަރާރަށް ތާއިދުކުރާ 43 މެމްބަރުން ހަމަނުވެގެން ކަމަށް، ޕީޕީއެމްގެ އިސް މެމްބަރަކު ވިދާޅުވެއްޖެ އެވެ.
ނަން ހާމަނުުކުރުމަށް ޝަރުތުކޮށް ޕީޕީއެމްގެ އިސް މެމްބަރަކު ވިދާޅުވީ ހޯމަ ދުވަހުގެ ރޭ 8:00 ގައި މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ރޭވި ކަމަށާއި ނަމަވެސް އެ ޖަލްސާ ރަސްމީކޮށް އިއުލާނު ނުކުރީ، ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރަށް ގޮތެއް ނިންމަން ބޭނުންވާ އަދަދަށް މެމްބަރުން ސަރުކާރަށް ހަމަނުވެގެން ކަމަށެވެ.
ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމުވާ ކަމެއް ފާސްކުރުމަށްޓަކައި ވޯޓަށް އެހޭނީ 43 މެމްބަރުން ހާޒިރުވެ ތިބޭ ޖަލްސާއެއްގަ އެވެ.
ރާއްޖެއެމްވީއާ ވާހަކަ ދެއްކެވި ޕީޕީއެމްގެ މެމްބަރު ވިދާޅުވި ގޮތުގައި އިދިކޮޅު ޕާޓީތަކުގެ ބައެއް މެމްބަރުންނާ ވާހަކަ ދައްކަވައިގެން އެ ބޭފުޅުންގެ ތާއީދު ހޯއްދެވުމަށް ސަރުކާރާއި ޕީޕީއެމްއިން މަސައްކަތް ކުރެއްވި އެވެ.
"ނަމަވެސް އެއްވެސް މެމްބަރަކު ގުޑައެއް ނުލި،" އޭނާ ވިދާޅުވި އެވެ.
އެ މެމްބަރު ވިދާޅުވީ ޕީޕީއެމްގައި ތިއްބެވި ގިނަ މެމްބަރުން ވެސް ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ގަބޫލު ނުކުރައްވާ ކަމަށެވެ. ނަމަވެސް އެ މެމްބަރުންނަށް އެކަން ފާޅުގައި ހާމަކުރަން ކެރިވަޑައިނުގަންނަވަނީ "ކުރިމަތިވެދާނެ ކަމެއްގެ ސަބަބުން" ކަމަށް އޭނާ ވިދާޅުވި އެވެ.
ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާން ކުރުމަށް ނެރޭ ގަރާރު 48 ގަޑިއިރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހެ އެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކުރާ ވަގުތަކީ ރައްޔިތުންގެ މަޖިލީހުގެ ދައުރެއް ހިނގަމުންނުދާ ވަގުތެއް ނަމަ ބަންދު ދުވަސްތައް ވެސް ހިމަނައިގެން ސާދަ ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލިސް އެއްކޮށް އެ ގަރާރު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް އެ މަޖިލީހަށް ހުށަހަޅާންވާނެ ކަމަށް ވެސް 257 ވަނަ މާއްދާގައި ބުނެފައިވެ އެވެ.
ނަމަވެސް އެ މުއްދަތު ހޯމަ ދުވަހުގެ ރޭ 8:05 އަށް ގަރާރުގެ މުއްދަތު ހަމަވިއިރު، ފާހެއް ނުކުރެ އެވެ. އެހެންވެ، މިހާރު އޮތް ގަރާރު ބާތިލުވެ، ހިފަހައްޓާފައިވާ ހައްގުތައް ލިބެންޖެހޭނެ ކަމަށް ގާނޫނީ ވަކީލުން ވިދާޅުވެ އެވެ.