ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުން އިސްތިއުފާ ނުދެއްވާ ކަމަށާއި، މިވަގުތުވެސް މަޖިލީހުގެ ރައީސް ކަމުގެ މަގާމު އަދާކުރައްވަމުން ގެންދަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމާ މެދު ޝައްކު އުފެދިފައިވާ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވެއްޖެ އެވެ.
މަސީހު އެގޮތަށް ވިދާޅުވީ ހޯމަ ދުވަހުގެ ރޭ ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ލައިވް ފޯން ކޯލެއްގެ ޒަރީއާއިން ނެވެ. މީގެ އިތުރުން މަސީހު ވިދާޅުވީ މަޖިލީހުގެ ދައުރުން ބޭރުގައި އިތުރު ޖަލްސާއެއް ބޭއްވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އެގޮތުން އަންގާރަ ދުވަހު މި ޖަލްސާ ބޭއްވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މަސީހު ވިދާޅުވި އެވެ.
ޕީޕީއެމްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ނާއިބު ރައީސް އަބްދުﷲ އަބްދުއްރަހީމް މަސީހަށް ފޯނު ކޯލެއް ކުރެއްވީ މަޖިލީހުން ހޯމަ ދުވަހު ބޭއްވި ޖަލްސާއަށްފަހު މަޖިލީހުގެ ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމުގެ އަޑުތަކެއް ފެތުރިފައިވާތީ އެކަން އޮޅުން ފިލުވާ ދެއްވުމުގެ ގޮތުން ނެވެ.
ހޯމަ ދުވަހު ދައުރުން ބޭރުން ބޭއްވި މަޖިލީހުގެ ޖަލްސާގައި ވަނީ މިމަހުގެ ފަސް ވަނަ ދުވަހު އިއުލާން ކުރެއްވި 15 ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތު މަޖިލީހަށް ހުށަހަޅައި، އަދި އިތުރު 30 ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު ދިގުދައްމާލަން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މަޖިލީހަށް ހުށަހެޅުއްވި މައްސަލަ އެވެ.
މިމައްސަލަ މަޖިލީހަށް ހުށަހެޅުމަށްފަހު، ދިރާސާ ކުރުމަށް މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމެޓީއަށް ވަނީ ފޮނުވުމުން އެ ކޮމެޓީގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުން އަޣުލަބިއްޔަތުން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރުމަށް ފާސްކުރައްވާފަ އެވެ.
އެމައްސަލަ ކޮމެޓީން ފާސްކުރި ނަމަވެސް މަޖިލީހުގެ ތަޅުމަށް ހުށަހަޅައި، މަޖިލީހުގެ މެމްބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެމްބަރުން ބައިވެރިވެވަޑައިގަންނަވާ ޖަލްސާއަކުން ވޯޓަށް އަހާ، އެމައްސަލަ ފާސްކުރުމަށް ފެންނަކަމަށް ނިންމުމުން ނޫނީ އެ މައްސަލައަށް އަމަލު ކުރުމަށް ގާނޫނުއަސާސީ ތަނެއް ނުދެއެވެ.
ފެބްރުއަރީ ފަސް ވަނަ ދުވަހުގެ ރޭ 20:00 ޖަހާކަން ހާއިރު 15 ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވާފައިވާއިރު، އެ ކުއްލި ނުރައްކަލުގެ ހާލަތު ނިމެނީ މިމަހުގެ 20 ވަނަ ދުވަހުގެ ރެ އަށެވެ. އަދި ރައީސް ޔާމީން ވަނީ އިތުރު 30 ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު ދަންމާލަން މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހަޅުއްވާފަ އެވެ. އެހެންކަމުން ޖުމްލަ 45 ދުވަސް ވަންދެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރައްވަން ސަރުކާރުން މިވަނީ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހަޅުއްވާފަ އެވެ.
އެހެންކަމުން މަޖިލީހުން އެގޮތަށް ފާސްކޮށްފިނަމަ ކުއްލި ނުރައްކަލުގެ ހާލަތު މާރޗު މަހުގެ 22 ވަނަ ދުވަހާ ހަމައަށް ދެމިގެންދާނެ އެވެ.
މިވަގުތު މަޖިލީހުގެ މެޖޯރިޓީ އޮތީ އިދިކޮޅު މެމްބަރުންގެ އަތްމަތީގަ އެވެ. އެ މެމްބަރުން ވަނީ މަސީހުގެ އިތުބާރު ނެތްކަމަށްވެސް މަޖިލީހަށް ހުށަހަޅުއްވާފަ އެވެ. ނަމަވެސް މަސީހު ވަނީ މިލިޓަރީ ބޭނުން ކުރައްވައިގެން މަޖިލިސް "ހިސޯރު" ކުރައްވާފަ އެވެ.