ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކުރުމަށް ސަރުކާރުން ހުށަހެޅުމުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މީހުން ރަތަށް އަރައިފި އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާއި ގުޅިގެން އެކަމާއި އެންމެ ބޮޑަށް ނުރުހުން ފާޅުކުރީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކެވެ. އެގޮތުން ގިނަ އަދަދެއްގެ ބުކިންތައް ކެންސަލްވަމުންދާ ކަމަށް ބުނެ، މިއީ އާންމު ގޮތެއްގައި ފަތުރުވެރިން ރާއްޖެއަށް އެންމެ ގިނައިން އަންނަ ދުވަސް ވަރަށްވާއިރު ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުން މިލިއަނުން ގެއްލުންވާނެ ކަމަށް އެފަރާތްތަކުން ބުނަމުން ދިޔަ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު 30 ދުވަހަށް ދައްމާލުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާއެކު އަނެއްކާވެސް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން ވީ އެންމެ އަވަހަކަށް ކުއްލި ނުރައްކަލުގެ ހާލަތު އާންމު ހާލަތަށް ބަދަލު ކުރަންޖެހޭ ކަމަށް އެފަދަ ފަރާތްތަކުން ބުނެ އެވެ.
ޓްރެވެލް އޭޖެންސީއެއް ކަމުގައިވާ ކެޕިޓަލް ޓްރެވެލް އެންޑް ޓުއަރސް ގެ ސީއީއޯ ޔޫސުފް ރިއްފަތު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، މިއަހަރު ހޫނު މޫސުމަށް ސްޕެއިންގެ މެރިޑުން އަންނަ އޮތް ޗާޓަރޑް ފްލައިޓެއް ކެންސަލްވެފައިވާ ކަމަށާއި 22 އަހަރު ވަންދެން ކުރިއަށްގެންދިޔަ މާކެޓިން ހަލާކުވެގެން ދިޔައީ ކަމަށެވެ.
ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު ދިގު ދައްމަންވީ ނޫން ކަމަށާއި އެހާލަތު އާންމު ހާލަތަކަށް ބަދަލު ކުރަންވީ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ އޮކިއުޕެންސީ 65 ޕަސެންޓް ދަށަށް ދާނެ ކަމަށް މީގެ ކުރިން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ހާމަކޮށްފައިވެ އެވެ.
ރިއްފަތު ކުރައްވާފައިވާ ޓްވީޓްގައި ބުނެފައި ވަނީ މިއަހަރުގެ ޗައިނީސް ނިއު އިޔަރގައި ރާއްޖޭގެ ފަތުރުވެރި ކަމަށް ކުރިމަތިވީ ވަރަށް ބޮޑު ފްލޮޕެއް ކަމަށާއި ޗާއިނާ އިން ގިނަ ކެންސެލޭޝަންސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. ޗައިނާގެ ސިޓީތަކުން ޗައިނާގެ ރައްޔިތުންނަށް ދިވެހިރާއްޖެއަށް ނައުމަށް އަންގަމުންދާ ކަމަށާއި މިކަމުގެ ސަބަބަކީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ. ޗައިނާ އިން ވަނީ ޓްވެރަލް އެޑްވައިޒަރީއެއް ނެރެފައެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުގެ ސަބަބުން ރާއްޖެއަށް އިންވެސްޓްމެންޓްތައް އައުން މަދުވެ ފަތުރުވެރިން ރާއްޖެއަށް އަންނަ މިންވަރު ވަރަށް ބޮޑުތަން ދަށް ވެގެންދާނެ ކަމަށް މަޝްހޫރު ކްރެޑިޓް ރޭޓިންގ އޭޖެންސީ މޫޑީސް އިން ވަނީ ބުނެފައިވެއެވެ. އަދި ހައި ސީޒަންގެ ތެރޭގައި މިފަދަ ކަމެއް ކޮށްފައިވާތީ ޓުއަރިޒަމް ދާއިރާގެ ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
މީގެ ނަތީޖާއެއްގެ ގޮތުން މުޅި އިގްތިސާދުގެ ކުރިއެރުން 4.5 ޕަސެންޓަށް ދަށް ވެގެންދާނެ ކަމަށް ލަފާކޮށްފައިވެއެވެ. މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދު ކުރި އަރާފައި ވަނީ 6.2 ޕަސެންޓަށެވެ.
މިއީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރި ދެ ވަނަ ފަހަރެވެ. ރައީސް ޔާމީން އެންމެ ފުރަތަމަ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވަނީ 2015 ވަނަ އަހަރު އެވެ. އެއަހަރު ވެސް ޓުއަރިޒަމަށް ނޭދެވޭ އަސަރުކޮށް މުޅި އިގްތިސާދުގެ ކުރިއެރުން 2.8 ޕަސެންޓަށް މަޑުޖެހިލިއެވެ.