މުޒާހަރާ ކަވަރ ކުރަމުން ދަނިކޮށް ހައްޔަރުކޮށް ފުލުހުންކުރި އަނިޔާތަކަށް ސްރީލަންކާގައި ފަރުވާ ހޯދަމުންދާ ރާއްޖެ ޓީވީގެ ނޫސްވެރިޔާ ހުސައިން ހަސަންގެ ހާލު ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައްލަވާލައްވައިފިއެވެ.
ލަންކާ ހޮސްޕިޓަލުގައި އެނދުމަތިވެގެން ފަރުވާ ހޯދަމުންދާ ހުސައިންގެ ހާލު ރައީސް ނަޝީދު ބައްލަވާ ލެއްވީ މިއަދު ހަވީރު އެހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައިގެންނެވެ.
ރައީސް ނަޝީދު ވަނީ ހުސައިންގެ ހިތްވަރަށް ތައުރީފް ކުރައްވާ ކަމަށާއި އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.
ހުސައިން ލަންކާއަށް ފުރާފައި ވަނީ އާދީއްތަ ދުވަހުއެވެ. އޭގެ ކުރިން އޭނާ ފަރުވާ ހޯދަމުން ދިޔައީ އޭޑީކޭ ހޮސްޕިޓަލުންނެވެ. ޑޮކްޓަރުން ވިދާޅުވެފައިވަނީ ހުސައިންގެ އެތެރެހައްޓަށް އަނިޔާވެފައިވާ ކަމަށެވެ. އަދި ބޭރުފުށުންވެސް ބައެއް އަނިޔާތައް ފެންނާން ހުއްޓެވެ.