ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ނެރުއްވީ ހަމައެކަނި ވެރިކަން ދަމަހައްޓަވަން ކަމަށާއި ގާނޫނު އަސާސީ ފުނޑާލައްވައިގެން ވިޔަސް ވެރިކަން ދެމެހެއްޓެވުމަށް ކޮންމެ ފަދަ ކަމެއް ވެސް ރައީސް އަބްދުﷲ ޔާމީން ކުރައްވަފާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީ އިން ރޭ ގެނެސްދިން ކަވަރޭޖްގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ މިސަރުކާރުން ގާނޫނު ނެގެހެއްޓީކީ ނޫން ކަމަށާއި މިސަރުކާރުން ގާނޫނު ފުނޑާލީ ކަމަށެވެ. މިހާރު މިފެންނަނީ ރައީސް ޔާމީންގެ ވެރިކަން ދެމެހެއްޓުމަށްޓަކައި ކުރަމުންދާ ޖިނާއީ ކުށްތަކެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ރައީސް ޔާމީނަށް ވެރިކަން ކުރައްވަން އުނދަގޫފުޅުވެގެން އުޅުއްވަނީ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކައިން ކަމަށާއި ސަރުކާރުން ކުރާ ކަންތައްތަކަށް އިދިކޮޅު ފަރާތްތަކުން އެއްބާރުން ނުދެނީ ތަރައްގީގެ ނަމުގައި ވައްކަން ކުރުމަށް އިދިކޮޅު ފަރާތްތަކުން ތާއީދުނުކުރާތީ ކަމަށެވެ.
ގާނޫނު އަސާސީގައި ބާރުތައް ރައީސަށް ލިބިދީފައި ވަނީ ތިމާ ހިތުހުރި ގޮތަކަށް ވެރިކަން ކުރުމަށް ނޫން ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ވެސް ވެރިކަން ކުރަން ޖެހެނީ ގާނޫނީ އިމުގެ ތެރެއިން ގާނޫނުގައި އޮތް ގޮތަށް ކަމަށް ޝާހިދު ވިދާޅުވިއެވެ. ގާނޫނު އަސާސީގެ 106 ވަނަ މާއްދާގެ (ރ) ގައި ވަރަށް ސަރީހަކޮށް ރައީސުލްޖުމްހޫރިއްޔާ ވެރިކަން ހިންގަންވާނީ ގާނޫނު އަސާސީ އާއި ގާނޫނު އެއްގޮތް ވާގޮތަށް ކަމަށް އެބަ އޮތް ކަމަށާއި ނުވެގެން މިއުޅެނީ އެކަންތައް ކަމަށް ޝާހިދު ވިދާޅުވިއެވެ.
"ވާގޮތަކީ ގާނޫނު އަސާސީގައި އޮތް ގޮތަށް ވެރިކަން ނުކުރެއްވެނީ. ހިތްޕުޅުގައި އޮތް ގޮތަށް ވެރިކަން ކުރެއްވެނީ،" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ މަޖިލީހުގެ ގަރާރު ފާސްކުރެވޭނީ 43 މެމްބަރުންނަށް ވުރެ އިތުރަށް މެމްބަރުން މަޖިލީހަށް ހާޒިރުވެ ތިބެގެން ކަމަށެވެ. ގާނޫނުގައި އެގޮތަށް ކަނޑައެޅިގެން އޮތްކަމުގައި ވިއަސް މިސަރުކާރުން ގޮނޑި ގެއްލުނު ކަމަށް ބުނާ 12 މެމްބަރުން ކަނޑާލުމަށް ފަހު 73 މެމްބަރުންގެ ދެބައިކުޅަ އެއްބައި މެމްބަރުން ހަމަކޮށްގެން ވެސް ގަރާރު ފާސްކޮށްފާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. ނަމަވެސް އެއީ ގާނޫނުގައި ބުނާގޮތް ނޫން ކަމަށް ޝާހިދު ވިދާޅުވިއެވެ.