ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާ އެކު ވަރަށް އަރިހުގައި މަސައްކަތްކުރެއްވި ޕީޕީއެމް ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކަށާއި، ޕީޕީއެމްގެ ނާއިބް ލީޑަރު އަބްދުއްރަހީމް އަބްދުﷲ އަށް ވަރަށް ސަލާމް ފޮނުއްވައިފިއެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށް ފަހު ފުރަތަމަ ފަހަރަށް ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބާ ބައްދަލުކުރެއްވުމަށް ފަހު ކުރެއްވި ޓްވީޓެއްގައި ނިހާން އަދި އަބްދުއްރަހީމް ޓެގްކުރައްވައި ވަކީލް މޫސާ ސިރާޖް ވިދާޅުވީ އެ ދެ ބޭފުޅުންނަށް އަދީބް ވަރަށް ސަލާމް ފޮނުއްވި ކަމަށެވެ. އިތުރަށް އެއްވެސް މައުލޫމާތެއް ޓްވީޓްގައި ހާމަކުރައްވާފައެއް ނުވެއެވެ.
އޭގެ އިތުރުން ވަކީލް އަހުމަދު ސިރާޖް ވަނީ އަދީބްގެ ސިއްހީ ހާލުކޮޅު ވަރަށް ގޯސް ކަމަށް ވިދާޅުވެފައެވެ. އަދި އަނބުރައިގަނެގެން ޖަލު ގޮޅި ތެރެޔަށް ވެއްޓުނު ވާހަކައަކީ ތެދެއް ކަމުގައި އަދީބް ވިދާޅުވި ކަމަށް ސިރާޖްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ނިހާނަށާއި، އަބްދުއްރަހީމަށް ސަލާމް ފޮނުއްވިއިރު ނިހާނާއި އަބްދުއްރަހީމް ގެންދަވަނީ އަދީބަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެގޮތުން ސުޕްރީމް ކޯޓުން 1 ފެބުރުއަރީގައި ނެރުނު އަމުރުގައި އަދީބް މިނިވަންކުރުމަށް އަންގާފައިވުމުން އެކަމަށް ވެސް ނިހާނާއި އަބްދުއްރަހީމް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެއެވެ. ނަމަވެސް އެ ދެ ބޭފުޅުންނަކީ އަދީބް ބާރުގައި ހުންނެވިއިރު އަދީބްގެ އެންމެ އަރިސް ދެ ބޭފުޅުންނެވެ.