ދައުރުން ބޭރުގައި ބޭއްވުމަށް އެޖެންޑާކުރި ޖަލްސާއަށް، ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރަކަށް ފޮނުވި ދައުވަތު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކެންސަލްކޮށްފި އެވެ.
ދައުވަތު ކެންސަލްކޮށް، ބައެއް މެމްބަރުންނަށް ރައްޔިތުންގެ މަޖިލިހުގެ އިދާރީ މޭޒުން ފޮނުވި މެސެޖުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އާދިއްތަ ދުވަހު ނެރުނު ކޯޓު އަމުރާއި ގުޅިގެން 19 ފެބުރުއަރީ 2018 (މިއަދު) ބޭއްވުމަށް ހަމަޖެހިފައިވާ ހާއްސަ ޖަލްސާގެ ދައުވަތު އަނބުރާ ގެންނަވާފައިވާ ވާހަކަ ދަންނަވަން މަޖިލީހުގެ ރައީސް ވިދާޅުވި ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ބާއްވާ ހާއްސަ ޖަލްސާ އެޖެންޑާ ކޮށްފައިވަނީ މިއަދު ހެނދުނު 11:00 އަށެވެ. އެ ޖަލްސާގެ އެޖެންޑާގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ޤަރާރުގެ މައްސަލައާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުށައަޅުއްވާ މައްސަލަ އެވެ.
ސުޕްރީމް ކޯޓުން އާދިއްތަ ދުވަހު ނެރުނު ވަގުތީ ކޯޓު އަމުރުގައި ބުނެފައިވަނީ ޕާޓީ ބަދަލު ކުރުމަކީ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބު ވެފައިވާ ގޮނޑި ގެއްލޭނެ ކަމެއް ނޫން ކަމަށް މި މަހުގެ 1 ގައި ސުޕްރީމް ކޯޓުން އަމުރު ކޮށްފައިވާ ބަޔަށް އަމަލުކުރުން މަޑުޖައްސާލުމަށެވެ. ނަމަވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަން، ސުޕްރީމް ކޯޓުގެ ވަގުތީ އަމުރުން ސާފު ކަމަށެވެ. އެހެންވެ، ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ ގަރާރާ މެދު ގޮތެއް ނިންމުމަށް މިއަދު ހެނދުނު 11:00 ގައި ބާއްވާ ޚާއްސަ ޖަލްސާ އަށް އިދިކޮޅު ހުރިހާ މެމްބަރުން ވެސް ވަޑައިގަންނަވާނެ ކަމަށެވެ.