ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ދިވެހި ރާއްޖޭގެ ސްޕްރީމް ކޯޓުން ކުރި އަމަރު ތަންފީޒު ކުރުމަށް ގޮވާލައި މާފުށީ ޖަލު ކުރިމަތީ މުޒާހަރާ ކުރި މައްސަލާގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ފުލުހަށް ހާޒިރުކުރުމުން ހަނުހުރުމުގެ ހައްގު ބޭނުން ކުރައްވައިފިއެވެ.
މާފުށީ ޖަލު ކުރިމަތީގައި މުޒާހަރާ ކުރި މައްސަލާގައި މަހުލޫފް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައި ވަނީ އާދީއްތަ ދުވަހުގައެވެ. މި މައްސަލާގައި މަހުލޫފް މައްޗަށް ދެ ތުހުމަތެއް ފުލުހުން ކުރެއެވެ. އެއީ ޖަލު އޮފިޝަރުންގެ ހުއްދަނެތި ޖަލަށް ވަންކަމުގެ ތުހުމަތާއި ސަލާމަތީ ސަބަބުތަކަށްޓަކައި ބަންދު ކޮށްފައިވާ ދައުލަތުގެ ތަނަކަށް ހުއްދަނެތި ވަންކަމުގެ ތުހުމަތު ކަމަށެވެ.
ފުލުހުންގެ އިދާރާއިން ނުކުމެވަޑައިގެން ނޫސްވެރިންނަން މައުލޫމާތު ދެއްވަމުން މަހުލޫފް ވިދާޅުވީ މާފުށީ ޖަލަށް އޭނާ ވަންކަމުގެ ތުހުމަތު ވެސް ހިމެނޭ ކަމަށާއި، ނަމަވެސް އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އަދި އޭނާ މާފުށީ ޖަލަށް ވެންނެވީ މީގެ ކުރިން އެނާގެ މައްޗަށް އިއްވި ދެ ހުކުމެއް ތަންފީޒު ކުރުމަށް ކަމަށް ފާހަގަކުރަމުން މަހުލޫފް ވިދާޅުވީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ތަފާތު ތުހުމަތުތައް އޭނާގެ މައްޗަށް ކުރާނީ ބިރު ދައްކަން ކަމަށެވެ.
މާފުށީ ޖަލުކުރިމަތީ މުޒާހަރާ ކުރި މައްސަލާގައި މަހުލޫފް ފުލުހަށް ހާޒިރުކުރި އިރު، ފުލުހުން ދަނީ މަހުލޫފް ތިން މައްސަލައެއް ތަހްގީގް ކުރަމުނެވެ. އެއީ މަހުލޫފް ކުރެއްވި ދެ ޓްވީޓަކާއި ގުޅިގެން ތަހްގީގް ކުރާ ދެ މައްސަލައާއި، ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ތަހްގީގް ކުރާ މައްސަލައެކެވެ.