ހޯމަ ދުވަހު "ދައުރުން ބޭރުން" ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާގެ އެޖެންޑާ އާންމުކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓްގައި އާދީއްތަ ދުވަހުގެރޭ އާންމުކޮށްފައިވާ އެ އެޖެންޑާގައިވާގޮތުން ހޯމަ ދުވަހުގެ ޖަލްސާގައި އޮންނާނީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކުރުމަށް ނެރުނު ޤަރާރާއި އެ ޤަރާރަށް އިސްލާހު ގެނެސް، އޭގެ ފަހުން ނެރުނު ޤަރާރުތަކާއި މެދު މަޖިލީހުން ގޮތެއް ނިންމުމެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 253 ވަނަ މާއްދާއިން ލިބިދޭ ބާރުގެ ދަށުން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނެރުއްވާފައިވާ ޤަރާރު ނަންބަރު 3/2018 (ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރުމާ ގުޅޭ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު) އާއި، މި ޤަރާރަށް އިޞްލާޙު ގެންނަވައި ނެރުއްވާފައިވާ ޤަރާރު ނަންބަރު 4/2018 (ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 3/2018 އިޞްލާޙުކުރުން) އަދި ޤަރާރު ނަންބަރު 5/2018 (ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 3/2018 އިޞްލާޙުކުރުން) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 257 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާއި، އެ ޤަރާރާ ގުޅިގެން 18 ފެބުރުވަރީ 2018 ގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން
ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާއެއް ހޯމަ ދުވަހަށް ތާވަލްކޮށްފައިވާއިރު، މި ޖަލްސާގެ އެޖެންޑާ އާންމުކޮށްފައި މިވަނީ، މި އެޖެންޑާގައި ހިމެނޭ ކަންކަމުގައި މަޖިލީހުގައި ނަގާ ވޯޓުގައި ސަރުކާރަށް މެޖޯރިޓީ ލިބޭނެ ގޮތަށް، މަޖިލީހުގެ ބައެއް މެންބަރުން އެ މަޖިލީހަށް ވަނުން ހުއްޓުވުމަށް ބަންޑާރަ ނައިބު ހުށަހެޅި މައްސަލައެއްގައި ބަންޑާރަ ނައިބު އެދިލެއްވި ގޮތަށް ސުޕްރީމް ކޯޓުން އަމުރެއް ނެރެފައިވާ ދަނޑިވަޅެއްގައެވެ.