އިންޑިއާއަށް މިހާރު ވަޑައިގެން އުޅުއްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު، އެ ޤައުމުގެ ޑިފެންސް މިނިސްޓަރު ނިރްމަލާ ސީތާރާމަން އާއި ބައްދަލު ކުރައްވައިފިއެވެ.
ރައީސް ނަޝީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، މިނިސްޓަރ ނިރްމަލާ އާއި ބައްދަލުކުރައްވާ ރާއްޖޭގެ ހާލަތާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވާފައިވާ ކަމަށެވެ.
Pleasure to meet and brief Indian Minister of Defence H.E @nsitharaman on the situation in the #Maldives. pic.twitter.com/tsj2qIObJs
— Mohamed Nasheed (@MohamedNasheed) February 18, 2018
ރައީސް ނަޝީދު މިނިސްޓަރ ނިރްމަލާ އާއި ބައްދަލުކުރައްވައި، ރާއްޖޭގެ ހާލަތު ހިއްސާ ކުރެއްވިއިރު، އެމަނިކުފާނު މީގެކުރިން ވަނީ އިންޑިއާގެ އަސްކަރިއްޔާގެ ތާޢީދުއޮތް މަންދޫބެއް، ރާއްޖެ ފޮނުއްވަވައި، ރާއްޖޭގެ ސިޔާސީ މަސްރަޙު ހަމައަކަށް އެޅުވުމަށް މަސައްކަތް ކޮށްދެއްވުމަށް ގޮވާލައްވާފައެވެ.
ސުޕްރީމް ކޯޓުން ޙުކުމެއް ކޮށްފައިވަނިކޮށް، އެ ޙުކުމް ތަންފީޒު ނުކޮށް، ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކުރުމަށް ފަހު، އުއްތަމަ ފަނޑިޔާރާއި، ސުޕްރީމް ކޯޓުގެ އިތުރު ފަނޑިޔާރަކާއި، އެހެނިހެން ގިނަ ފަރާތްތަކެއް ހައްޔަރުކުރުމާއި ގުޅިގެން އިންޑިއާއިން ވަނީ ރާއްޖޭގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށް ބުނެފައެވެ. އަދި އެ ޤައުމުގެ ސަރުކާރުގެ އިސް ބައެއް ބޭފުޅުން ވަނީ ދިވެހި ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާއި މެދު އެކިއެކި ފިޔަވަޅު އެޅުމަށް ތާޢީދު ކުރައްވައި ވެސް ވާހަކަ ދައްކަވާފައެވެ.