ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އިންތިހާބުވާ ޕާޓީ ބަދަލުވެއްޖެ ނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރު ބާތިލް ކަމަށާއި ހުރިހާ މެމްބަރުން ހިމަނައިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މި އަހަރު ފެށުމަށް މި މަހުގެ އެއް ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް އަމަލު ނުކުރުމަށް ވަގުތީ އަމުރެއް ސުޕްރީމް ކޯޓުން ނެރެފި އެވެ.
މި ގޮތަށް ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވަނީ މި މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ނެރުއްވި އަމުރުގައި ވާ އެ ބައިތައް ބާތިލްކޮށްދިނުމަށް ބަންޑާރަނައިބުގެ ފަރާތުން ކޯޓަށް މައްސަލަ ހުށަހަޅައި، ވަގުތީ އަމުރަކަށް އެދިފައިވާތީ ނެރުއްވި ވަގުތީ އަމުރެއްގަ އެވެ.
ސުޕްރީމް ކޯޓުގެ ހުއްދަ ލިޔުމަކުން ލިބިގެން މެނުވީ ދިވެހި ރާއްޖޭގެ އެއްވެސް ކޯޓަކަށް އެއްވެސް ފަނޑިޔާރަކު ނުވަތަ އިސް ފަނޑިޔާރަކަށް ވިޔަސް އައްޔަން ކުރުމާ ބެހޭ ގޮތުން އެއްވެސް ކަމެއް އެހެން ފަރާތަކުން ނުކުރުމަށް ކަނޑައަޅާފައިވާ ބަޔަށް ވެސް އަމަލު ކުރުން ވަގުތީ ގޮތުން ހުއްޓާލުމުގެ އަމުރަކަށް ބަންޑާރަ ނައިބު އެދުނު ނަމަވެސް އެ އަމުރު ކޯޓުން ނެރުއްވާފައިނުވެ އެވެ.
މި އަމުރު ނެރެފައި މިވަނީ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދައުރުން ބޭރުން ކުއްލި ގޮތަކަށް ބޭއްވުމަށް އެޖެންޑާ ކޮށްފައިވަނިކޮށެވެ. ސުޕްރީމް ކޯޓުން މި މަހުގެ އެއް ވަނަ ދުވަހު ނެރުނު އަމުރަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އޭގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މެމްބަރުންނަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަމަށް ރައްޔިތުންގެ މަޖިލީހުން އިދާރާއިން ގަބޫލުކޮށްފައިވެ އެވެ. އަދި ހޯމަ ދުވަހު ބާއްވާ ޖަލްސާއަށް އެ މެމްބަރުންނަށް ދައުވަތު ދީފައިވެ އެވެ.
އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައި އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ މެމްބަރުންނާމެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމާފައިވަނިކޮށް މިއަމުރު ނެރުމުން އަނެއްކާވެސް އެ ގޮނޑިތަކާމެދު ބަހުސް އުފެދިގެންދިޔައީ އެވެ.
މި ވަގުތީ އަމުރާ އެކު އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން ނޫން ކަމަށް ކަނޑައަޅާފައިވާ މެމްބަރުންނަށް ރައްޔިތުންގެ މަޖިލިސް އިމާރާތަށް ވަނުމަށް ފުރުސަތު ދޭނެ ކަމަށް ނުބެލެވެ އެވެ. ނަމަވެސް ގޮނޑިގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ މެމްބަރުންނާމެދު ސުޕްރީމް ކޯޓުން ގޮތެއް ދެވަނަ ފަހަރަށް ކަނޑައެޅުމާ ހަމައަށް ވެސް އެއީ މެމްބަރުން ކަމަށް ބެލުމުގެ ފުރުސަތު އެބަ އޮތެވެ.