ރައީސް ޔާމީނަށާއި ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް ފާޑު ވިދާޅުވެ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އިސްވެރިއަކު އިސްތިއުފާ ދެއްވައިފިއެވެ.
އާދީއްތަ ދުވަހު އެމްޕީއެލްގެ އެސިސްޓެންޓު ޖެނެރަލް މެނޭޖަރުގެ މަގާމުން ހުސެއިން އަހުމަދު އިސްތިއުފާދީފައިވަނީ ރައީސް ޔާމީނާއި ސަރުކާރުގެ ސިޔާސަތުތައް ކަމުނުދާ ކަމަށް ވިދާޅުވެ އިސްލާހީ މަސައްކަތާއި ގުޅުމަށް ކަމަށް ވަނީ ވިދާޅުވެފައެވެ.
އިސްތިއުފާދެއްވައި އެކުންފުނީގެ ސީއީއޯ އަބްދުއްރައްޒާގް ހަލީމަށް ފޮނުވި ސިޓީގައި ހުސެއިން ވިދާޅުވެފައިވަނީ ރައީސް އަބްދުﷲ ޔާމީނާއެކު ހުންނެވީ އެމަނިކުފާނަކީ އަދުލުވެރި ވެރިއެއް ކަމަށް އުއްމީދުކޮށްގެން ކަމަށެވެ. ނަމަވެސް ދައުލަތް ހިންގުމުގައި ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭއިރު އެކަންކަން ހައްލު ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިނުވާ ކަމަށާއި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި އެތައް ބަޔަކު ނުހައްގުން ޖަލަށް ލާފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.
އޭގެއިތުރުން ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރަން އިންކާރުކޮށް ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ކޮންމެ ދުވަހަކު އެތަށް ބަޔަކު ހިފާ ހައްޔަރުކުރުމުން މުޅި ގައުމު ހަލަބޮލިވާ ކަމަށާއި ސަލާމަތީ ބާރުތައް ބޭނުންކޮށްގެން ރައްޔިތުންނަށް ލިބިފައިވާ ހިޔާލު ފާޅުކުރުމާއި މީޑިއާގެ މިނިވަންކަން ގަސްދުގައި ނަގާލަމުންދާ ކަމަށް ވެސް އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.
ސުޕްރީމް ކޯޓުގެ އަމުރު ރައީސް ޔާމީން ތަންފީޒު ކުރައްވާފައި ނުވާތީ ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން މީގެ ކުރިންވެސް އިސްތިއުފާ ދީފައިވެއެވެ.