ރާއްޖޭގައި މިހާރު އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު ބާތިލުކުރުމަށް ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމައިފިއެވެ.
މި މައްސަލަ ބަލައި ނުގަތުމަށް އެ ކޯޓުން ނިންމީ އެ މައްސަލައަކީ އެ ކޯޓުގެ ގަވާއިދުގެ ދަށުން ބަލައިގަންނަންޖެހޭ މައްސަލައަކަށް ނުފެންނާތީ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން އެގޮތަށް ނިންމުމުންނެވެ. ޔުމްނާ މި މައްސަލަ ހުށަހެޅުއްވީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރަންޖެހޭ ފަދަ ހާލަތަކަށް ގައުމު ގޮސްފައިނުވާ ކަން ފާހަގަކުރައްވައެވެ. އަދި، ކުއްލި ނުރައްކަލުގެ ހާލަތެއްގައި ވެސް ސުޕްރީމް ކޯޓުގެ ބާރުތައް ނުހިފަހެއްޓޭނެ ކަމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މި ދުސްތޫރީ މައްސަލައިގައި ބަޔާންކޮށްފައި ވެއެވެ.
ކުއްލި ނުރައްކަލުގެ ހާލަތު ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ގަރާރަކުން އިއުލާނުކުރެއްވީ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުގެ ރެޔެވެ. މިއީ ރައީސް ޔާމީންގެ ސަރުކާރުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން، 2015 ވަނަ އަހަރުގެ ނޮވެމްބަރުގައި ވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރިއެވެ.
ރައީސް ޔާމީން ނެރުއްވި ގަރާރުގައި ގާނޫނުއަސާސީގެ 20 މާއްދާއަކުން ރައްޔިތުންނަށް ކަށަވަރުކޮށް ދޭ ހައްގުތަކާއި މުއައްސަސާތަކަށް ލިބިގެންވާ ބާރުތައް ވަނީ ހިފަހައްޓާފައެވެ. ހިފަހައްޓާފައިވާ ހައްގުތަކުގެ ތެރޭގައި ޒާތީ ދިރިއުޅުމުގެ ހައްގާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގާއި އެއްވެ އުޅުމުގެ ހައްގާއި ސުޕްރީމް ކޯޓުގެ ބާރުތައް ހިފެހެއްޓުން ހިމެނެއެވެ. ނަމަވެސް އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރުމަށް ފަހު ސަރުކާރުން ވަނީ ސުޕްރީމް ކޯޓުގެ ބާރުތައް އަލުން ދީފައެވެ.