ސައުދީ އަރަބިއްޔާ އާ ޔުނައިޓެޑް އެރެބް އެމިރޭޓްސް އިން ރާއްޖެއަށް 160 މިލިއަން ޑޮލަރުގެ އެހީތެރިކަން ރާއްޖެއަށް ދިނުމަށް ނިންމައިފިއެވެ.
ރައީސް އޮފީހުން ބުނީ މި އެހީއަކީ ސަޢުދީ ޢަރަބިއްޔާއާއި ޔުނައިޓެޑް ޢަރަބް އެމިރޭޓްސްއާ ދިވެހި ރާއްޖެއާ ދެމެދުގައިވާ އެކުވެރިކަމުގެ ގުޅުމުގެ ތެރެއިން، ދިވެހި ރައްޔިތުންނަށް ވެދެއްވާ އެހީތެރިކަމެއް ކަމަށާއި، މި އެހީ ޚާއްޞަ ކުރައްވާފައި ވަނީ ތަރައްޤީގެ ޕްރޮޖެކްޓްތަކުގެ ތެރެއިން މަސްވެރިކަމާއި އެއަރޕޯޓް ތަރައްޤީކުރުމަށް ހިންގާ މަޝްރޫޢުތަކަށްކަން މިޤައުމުތަކުން ފާހަގަކުރާ ކަމަށެވެ.
ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންތައްތަކާ ބެހޭގޮތުން އެޤައުމުތަކުން ދެކޭ ގޮތް ހާމަކޮށް ނެރެފައިވާ ބަޔާނުގައި، ރާއްޖޭގެ އަމަން އަމާންކަމާއި ހަމަޖެހުން ކިލަނބުވާ ކޮންމެ ކަމަކާމެދު އެ ދެ ޤައުމުން ވަރަށް ބޮޑަށް ކަންބޮޑުވާކަން ހާމަކޮށް މި ކަންތައްތަކަކީ ރާއްޖޭގެ ދާޚިލީ ކަންތައްތަކެއް ކަމުގައިވެސް ސަޢުދީ ޢަރަބިއްޔާއާއި ޔުނައިޓެޑް ޢަރަބް އެމިރޭޓްސްގެ ސަރުކާރުން ފާހަގަ ކޮށްފައިވެއެވެ. މީގެއިތުރުން، މި ކަންތައްތައް ޙައްލުކުރުމަށްޓަކައި ރާއްޖޭގެ ދުސްތޫރުގެ ތަރަޙައިގެ ތެރެއިން މަސައްކަތް ކުރުމަށް ގޮވާލުމާއެކު، ބޭރުގެ ނުފޫޒެއް ނުވަދެ ކަމާގުޅޭ ފަރާތްތަކުގެ މެދުގައި މަޝްވަރާކުރުމުގެ ތެރެއިން އެކަށީގެންވާ ހައްލުތަކަށް ވާޞިލުވުމަށް ބާރުއަޅައި އެ ގޮތުގައި އެޅޭ ކޮންމެ ފިޔަވަޅަކަށް އެ ދެ ޤައުމުން މަރުޙަބާކިޔާނެ ކަމަށް ވެސް ބަޔާން ކޮށްފައިވެއެވެ.
މީގެ އިތުރުން، ރާއްޖޭގެ އަމަން އަމާންކަމަށާއި ހަމަޖެހުމަށް މަގުފަހިވާނެ ކޮންމެ ކަމަކަށް ސަޢުދީ ޢަރަބިއްޔާއާއި ޔުނައިޓެޑް ޢަރަބް އެމިރޭޓްސްއިން ދެމުންދާ އެއްބާރުލުމަށް އެއްވެސް ބަދަލެއް ނުގެނެސް، ރާއްޖޭގެ ރައްޔިތުންނަށް ހެޔޮއެދުންމަތީ އަބަދުވެސް ދެމިތިބޭނެކަމުގައި ދެޤައުމުން ވަނީ ބަޔާންކޮށްފައެވެ.
ސަޢުދީ ޢަރަބިއްޔާއިންނާއި ޔުނައިޓެޑް ޢަރަބް އެމިރޭޓްސްއިން ރާއްޖޭގެ މައްސަލަތަކުގައި ދާޚިލީ ޙައްލަކަށް ބާރުއަޅައި ދިވެހި ސަރުކާރުން ކުރިޔަށް ގެންދާ ތަރައްޤީގެ މަޝްރޫޢުތަކަށް އަބަދުވެސް ވެދެއްވަމުން ގެންދަވާ އެހީތެރިކަން ދަމަހައްޓައި، ދިވެހި ސަރުކާރާއި ރައްޔިތުންނާމެދު ބަހައްޓަވާ ގާތްކަމަށްޓަކައި، ދިވެހި ސަރުކާރުން، ސަޢޫދީ ސަރުކާރަށާއި، ޔުނައިޓެޑް ޢަރަބް އެމިރޭޓްސްގެ ސަރުކާރަށް ޝުކުރު އަދާކޮށްފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.