މާލޭގެ ގާކޮއްޓާއި އަރަބިއްޔާ ހުރި ބިމުގައި ޓާޓާ އިން އެޅި ފްލެޓުތައް ގަތުމަށް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލި ފުރުސަތުގައި ފްލެޓް ލިބުނު ފަރާތްތައް ފައިސާ ދައްކަން އަންގައިފި އެވެ.
އެޗްޑީސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ފުރަތަމަ ބުރުގައި ވިއްކަން ހުޅުވާލި ހުރިހާ ފްލެޓެއް މިހާރު ވިކިފައިވާ ކަމަށެވެ. އަދި ފްލެޓް ލިބުނު ފަރާތްތައް ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ފްލެޓަށްވާ ފައިސާ ވީހާވެސް އަވަހަށް ދައްކައި ހަލާސް ކުރަން އަންގާ ކަމަށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ހަދަން ފެށި އެ ފްލެޓްތަކުގެ މަސައްކަތް އެގްރިމަންޓް ހަދާފައިވާ ގޮތުގެ ސަބަބުން ނުނިމި އެތައް ދުވަހެއް ދިގުލައިގެން ގޮސް އެ ފްލެޓްތަކުގެ މަސައްކަތް ނިމުނީ 2016 ވަނަ އަހަރުގެ ފަހުކޮޅު އެވެ. އެއާއެކު އެޗްޑީސީން ވަނީ ވަނީ ޓާޓާ އިން އިމާރާތްކޮށްފައިވާ 264 ފްލެޓުގެ ތެރެއިން 160 ފްލެޓު ފުރަތަމަ ބުރުގެ ފްލެޓްތަކުގެ ގޮތުގައި ވިއްކަން ހުޅުވާލާފަ އެވެ.
ނަމަވެސް އެ ފުރުސަތުގައި ލިބުނު ފްލެޓްތަކަށް ފައިސާ ދެއްކުނީ ފްލެޓް ލިބުނު މީހުންގެ ތެރެއިން 55 މީހުންނަށެވެ. ބާކީ ހުރި 105 ފްލެޓް ވިއްކަން މިދިޔަ މަހުގެ ތެރޭގައި އިއުލާންކޮށް އެ ފްލެޓްތައް ވެސް މިހާރު ވަނީ އެކި ފަރާތްތަކަށް ދީފަ އެވެ.
މިހާރު ފްލެޓް ވިއްކާފައިވާ 105 ފަރާތަކީ އެއް ލައްކަ ރުފިޔާގެ ބޭންކް ގެރެންޓީއެއް ހުށަހެޅުމަށްފަހު ފްލެޓް ގަންނަން ހުށަހެޅި ފަރާތްތަކެވެ. އެ ފްލެޓްތައް ވިއްކަން އެޗްޑީސީން މިދިޔަ މަހު ހުޅުވާލީ އޮންލައިން ޕްލެޓްފޯމެއް މެދުވެރިކޮށެވެ.