އދ. އޮމަދޫ ކައުންސިލްގެ އިދާރާ ފަޅާލައިފިއެވެ.
އެރަށު ކައުންސިލްގެ މެމްބަރު އަދްނާން އަބްދުﷲ ރާއްޖެއެމްވީއަށް ވިދާޅުވީ އޮމަދޫ ކައުންސިލްގެ އިދާރާއަށް ވަދެފައިވަނީ އެ އިދާރާގެ ކުޑަ ދޮރެއް ނައްޓާލައިގެން ކަމަށެވެ. ކުޑަދޮރު ނައްޓާލައިގެން ވަތްކަމުގެ ނިޝާން ފެންނަން ހުރިކަމަށާއި ކުޑަދޮރުގެ ތަންޑު އިންނަ ދިމާ ނައްޓާލަން ދަގަނޑު ބޭނުންކޮށްފައި ހުރިކަމުގެ ނިޝާން ފެންނަން ހުރިކަމަށް އޭނާ ވިދާޅުވިއެވެ.
އަދްނާން ވިދާޅުވީ އޮމަދޫ ކައުންސިލްގެ އިދާރާއަށް ވަދެ އެ އިދާރާގެ ފައިނޭސް ޑިޕާޓްމަންޓުގެ ތިން ވަތްގަނޑެއް ފަޅާލައި އެ ވަތްގަނޑުތަކުގެ ތެރޭގައި ހުރިފައިސާ ނަގާފައިވާކަމަށެވެ. އިދާރީ މުއައްޒަފުންނާ ހަވާލާދީ އަދްނާން ވިދާޅުވީ ވަތްގަނޑުތަކުގައި ހުރީ ކިހާވަރެއްގެ ފައިސާކަން ސީދާ ބުނަން ނޭނގޭކަމަށެވެ. އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް އަދްނާން ވިދާޅުވިއެވެ.
މިކަމާބެހޭގޮތުން އިތުރު މައުލޫމާތު ސާފުކޮށްލަން ފުލުހުންގެ މީޑިއާއަށް ގުލާލުމުން ފޯނު ނުނަގާތީ ވަނީ ސާފުވާގޮތް ނުވެފައެވެ.