ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ މިހާލަތު މެދުވެރިވެފައިވަނީ ރައީސް ޔާމީން ޕާޓީތަކުން މެންބަރުން ގެންދަވައިގެން ހޯއްދެވި މަޖިލިސް މެޖޯރިޓީ ގެއްލުމުން އެމެޖޯރިޓީ ހޯއްދަވަން ކުރައްވާ މަސައްކަތުގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީން ހޮނިހިރު ދުވަހުގެ ރޭ ގެނެސްދިން "ކުއްލި ނުރައްކަލުގެ ހާލަތު"ގެ ކަވަރޭޖްގައި ރޮޒައިނާ ވިދާޅުވީ ރާއްޖޭގައި މިހާރު އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތަކީ އިއުލާން ކުރެވޭނޭ ހާލަތެއް ނޫންކަން މުޅި ރާއްޖޭގެ އެންމެންވެސް ޤަބޫލް ކުރައްވާނެ ކަމަށެވެ. ރައީސް ޔާމީނަށް ތާއީދު ކުރައްވާ ފަރާތްތަކުންވެސް މި ކުއްލި ނުރައްކަލުގެ ހާލަތު ޤާނޫނުއަސާސީއާ ޚިލާފްކަން ޤަބޫލް ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް ފެނިގެން މިދިޔައީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވި ހިސާބުން ފެށިގެންވެސް މަޖިލީހުގެ ކޮންޓްރޯލް ނެގުމަށްޓަކައި އެހެން ޕާޓީތަކުން އިންތިޚާބުވި އެތައް މެންބަރުންނެއް ޕީޕީއެމަށް ވެއްދި. އެހެން ނަމަވެސް އެމަނިކުފާނާ އެއްބައިގައި ހުރެފައި އެހެން ޕާޓީތަކަށް ޚާއްޞަކޮށް އެބޭފުޅުން އިންތިޚާބުވި ޕާޓީތަކަށް އަލުން އަނބުރާ ދިޔައިމަ އެއީ ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކަމަކަށް މިވީ. ސުޕްރީމް ކޯޓުން ފުރަތަމަ ނެރުނު އަމުރު އެބޭފުންނަށް ސާފު ނުވާ ކަމަށް ހެދިގެން 12 މެންބަރުން މަޖިލީހަށް ވަދެނުދީ މަސައްކަތް ކުރީ ހަމަ އެންމެ ބޭނުމެއްގައި. އެއީ ރައީސް ޔާމީނަށް މަޖިލީހުގެ ކޮންޓްރޯލް ނެތިގެން ދިޔައިމަ" ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ ވިދާޅުވީ ކުއްލި ނުރައްކަލުގެ ޙާލަތު ގެނެވޭނެ ޙާލަތްތައް ވަރަށް ސާފުކޮށް ޤާނޫނުއަސާސީގައި ލިޔެވިފައިވާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާއަށް ޖުޑިޝަރީގެ ކޮންޓްރޯލް ގެއްލުމުން ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލް ގެއްލޭ ހިސާބަކުން ކުއްލި ނުރައްކަލުގެ ޙާލަތެއް އިއުލާން ނުކުރެއްވޭނެ ކަމަށެވެ. އެފަދަ ކަންކަމަށް ޤާނޫނުއަސާސީން ތަންނުދޭ ކަމަށް ވެސް ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ ވިދާޅުވީ ޖުޑިޝަރީއާ ރައްޔިތުންގެ މަޖިލީހާ ސަރުކާރު ހިންގުމުގެ ބާރަކީ ތަފާތު ތިން ބާރު ކަމަށާއި އެއްބާރު އަނެއްބާރުގެ މައްޗަށް ބާރު ފޯރުވާ ނުފޫޒު ނުފޯރުވޭނެ ކަމަށެވެ. ނަމަވެސް ޖަވާބުދާރީ ކުރެވިދާނެކަމަށް އޭނާ ވިދާޅުވިއެވެ.