މާލެ އާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުކުރު ދުވަހުގެ ހަވީރާއި ރޭގަނޑު ކުރިއަށް ގެންދިޔަ މުޒާހަރާތަކާއި ގުޅިގެން މޯލްޑިވްސް ޕޮލީސް ސަރވިސް އިން ނެރުނު ނޫސް ބަޔާނަށް އިނގިރޭސި ސަފީރު ޖޭމްސް ޑައުރިސް ފާޑު ވިދާޅުވެއްޖެ އެވެ.
މުޒާހަރާ އާ ގުޅޭ ގޮތުން ފުލުހުން ހޮނިހިރު ދުވަހު ހެނދުނު ނެރެފައިވާ ނޫސް ބަޔާނުގައި، މުޒާހަރާގެ ހަރަކާތްތައް ކަވަރު ކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް ފުލުހުން ކޮށްފައިވާ އިލްތިމާސްގެ ބަޔަކާއެކު ޑައުރިސް ކުރެއްވި ޓްވީޓެއްގައި ވަނީ ނޫސް ބަޔާން އިބާރާތް ކުރެއްވި ފަރާތުން ބުނަން ބޭނުންވި މިންވަރަށްވުރެ އިތުރު މަޢުލޫމާތު ބަޔާނުން ސާފުވާ ކަމަށެވެ.
ފުލުހުންގެ ބަޔާނާއެކު ޑައުރިސް ކުރެއްވި ޓްވީޓްގައި އެބަޔާނަށް ފާޑު ވިދާޅުވެފައިވާއިރު، ފުލުހުން ނެރުނު ބަޔާނުގެ ބޮޑު ބައެއް އަމާޒު ކުރައްވާފައިވަނީ ނޫސްވެރިންނަށެވެ. އެގޮތުން މުޒާހަރާ ކަވަރު ކުރުމުގައި ހަރަކާތްތެރިވި ބައެއް ނޫސްވެރިންގެ މައްޗަށް ފުލުހުން އެކި ކަހަލަ ތުހުމަތުތައް އެބަޔާނުގައި ކޮށްފައިވެއެވެ.
#Maldives Police urge journalists covering an "illegal gathering by politically motivated individuals" (that's to say an opposition rally) to keep their personal views separate from their professional work.
— James Dauris (@JamesDauris) February 17, 2018
Worth a read: the statement says more than its author probably intended. https://t.co/tJX4oZMNpX
ފުލުހުން ނެރެފައިވާ ނޫސް ބަޔާނުގައި ވަނީ، ސިޔާސީ ބައެއް ފަރާތްތައް އިސްވެތިބެ މާލޭގެ އެކި ސަރަހައްދުތަކަށް މީހުން އެއްވެ ހަމަނުޖެހުން ހިންގާ، ސަލާމަތީ ބާރުތަކާއި ކުރިމަތިލާ، ޤައުމު ހަލަބޮލިކޮށްލުމުގެ ގޮތުން ބައެއް ހަރަކާތްތައް ހިންގާފައިވާ ކަމަށާއި، އެއްވުން ކަވަރު ކުރުމަށް ހަރަކާތްތެރިވަމުން ދިޔަ ބައެއް ނޫސްވެރިންގެ ފަރާތުން އެއްވުމުގެ ބައިވެރިންނާއި އެއް ހަމައެއްގައި އަމަލުތައް ފެނިފައިވާކަން ފާހަގަ ކުރާ ކަމަށެވެ. މީގެ އިތުރުން އެއްވުން ކަވަރު ކުރުމަށް ހަރަކާތްތެރިވި ބައެއް މީޑިއާތަކުން ކަނޑައެޅިގެން ހަގީގަތާއި ޚިލާފް ދޮގު މައުލޫމާތު ފަތުރަމުން ދިޔަ ކަމަށް ފުލުހުން ތުހުމަތު ކޮށްފައިވެއެވެ.
ނޫސްވެރިކަމުގެ މަސައްކަތުގެ ތެރޭގައި ނޫސްވެރިޔާގެ އަމިއްލަ ފިކުރުތައް ބޭނުން ނުކުރުމަށް ފުލުހުން ގޮވާލާފައިވާއިރު، ހުކުރު ދުވަހުގެ މުޒާހަރާ ކަވަރު ކުރުމުގައި ހަރަކާތްތެރިވި ނޫސްވެރިންނަށް ފުލުހުން ހުރަސް އަޅާފައިވެއެވެ. އެގޮތުން މުޒާހަރާގެ ކޮންޓްރޯލް ކުރުމަށް ވުރެ ފުލުހުން އިސްކަންދީފައިވަނީ މުޒާހަރާ ކަވަރު ކުރަމުންދިޔަ ނޫސްވެރިން މުޒާހަރާގެ ބައިވެރިންނާއި ދުރަށް ޖެއްސުމަށެވެ.
މީގެ އިތުރުން މުޒާހަރާ ކަވަރު ކުރަމުންދިޔަ ނޫސްވެރިންނާއި ދެކޮޅަށް ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ފުލުހުން ކޮށްފައިވެއެވެ.
ހުކުރު ދުވަހުގެރޭ ކުރިއަށް ގެންދިޔަ މުޒާހަރާ ކަވަރު ކުރުމުގައި ހަރަކާތްތެރިވި ނޫސްވެރިންނާއި ދެކޮޅަށް، ނޫސްވެރިކަމުގެ ވާޖިބު އަދާކުރަމުން ދަނިކޮށް، ފުލުހުން ބާރުގެ ބޭނުން ކުރުމުގެ ސަބަބުން ބައެއް ނޫސްވެރިންނަށް ހޮސްޕިޓަލްގައި ފަރުވާ ދީފައިވެއެވެ.
މިއެއްވުން ކަވަރު ކުރަމުންދިޔަ ނޫސްވެރިންގެ ތެރެއިން ރާއްޖެޓީވީގެ ނޫސްވެރިޔާ ހުސެއިން ހަސަން ހައްޔަރު ކުރުމުގައި ފުލުހުން ހިންގާފައިވާ އަމަލުތަކުގެ ސަބަބުން ހޮސްޕިޓަލުގައި އެދުމަތިކޮށްފައިވާއިރު، އޭނާގެ އެތެރެހައްޓަށް އަނިޔާވެފައިވާ ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ހުކުރު ދުވަހު ބައެއް ފުލުހުންގެ ފަރާތުން އަޚުލާގީ ފެންވަރުދަށް އަމަލުތައް ފެނިގެން ގޮސްފައިވާ ކަމަށް އެއްވުން ކަވަރު ކުރުމުގައި ހަރަކާތްތެރިވި ބައެއް ނޫސްވެރިން ރިޕޯޓް ކޮށްފައިވެއެވެ. ޓީވީތަކުން ވަގުތުން ދައްކަމުންދިޔަ މަންޒަރުތަކުގައި އެކި ފަހަރުމަތިން، ހަޑިހުތުރު ބަހުން މީޑިއާތަކާއި، އާންމުންނާ މުޚާތަބު ކުރުމާއި، މީޑިއާތަކުގައި ހަރަކާތްތެރިވާ ބައެއް ނޫސްވެރިންގެ ގަޔަށް އަތްލައި، ލަދުވެތި ގުނަވަންތައް ވެސް ހިމެނޭ ގޮތަށް އެ ފަރާތްތަކުގެ ހަށިގަނޑުގެ އެކި ތަންތަނުގައި ބައެއް ފުލުހުން ހިފާފައިވާ ކަމަށް އެ ނޫސްވެރިން ވަނީ ބުނެފައެވެ.