ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރަހީމް ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެ ކަމަށާއި ގާސިމާ ބެހޭ ގޮތުން ޕީޕީއެމްގެ ނާއިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲއާ ގުޅޭ ގޮތުން، ދެއްކި ދޮގު ވާހަކަތައް ކުށްވެރި ކުރާ ކަމަށް ޖޫމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.
މ. ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަަވަމުން ސަމީރު ވިދާޅުވީ، ގާސިމް އިބްރާހިމް ދައުލަތަކަށް ދައްކަން ޖެހޭ ފައިސާއެއް އޮތް ނަމަ ރާއްޖޭގެ ޓެކްސް އިދާރާ އިން މިއަދު ވެސް އިއުލާނު ކުރަންވީ ކަމަށާއި ވިލާ ކުންފުނިން ނުވަތަ ގާސިމް ދައުލަތަށް ދައްކަމުންދާ ޓެކްސްކަމުގައިވާ ޖީއެސްޓީ އާއި ޓީޖީއެސްޓީ އާއި ގްރީން ޓެކްސްގެ އިތުރުން ވިލާ ރިސޯޓްތަކުގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އާއި ވެހިކަލްގެ ފީއަށް ދާންދެން ދައްކާފައިވާނެ ކަމަށެވެ.
"މިފަދަ ނާތަހުޒީބު ވާހަކަތަައް އަބުރު ގެއްލިފައިވާ ފަރާތްތަކުން ދައްކަވަމުންގެންދަވަނީ ފަސާދަވެފައިވާ ވެރިންގެ ކިބައިން މަންފާ ހޯދުމަށް. ގާސިމް އިބްރާހިމާ ގުޅޭ ގޮތުން އަބްދުއްރަހީމް ފަދަ ބޭފުޅުން މާދަމާ ވެސް އައިސް ހުންނަވާނީ ކޮންތާކު ކަމެއް ނޭނގެ. ވަރަށް ފަސޭހައިން އަނެއްކާ ވެސް ގާސިމް އިބްރާހިމްގެ އަރިހަށް އައިސްފާނެ. ކަމެއް ބޯމަތިވާ އިރަށް،" ސަމީރު ވިދާޅުވިއެވެ.
ސަމީރު ވިދާޅުވީ، އެފަދަ ވާހަކަދައްކަން މަޖުބޫރުވަނީ މީހާ ފިތިފައި ހުރިލެއް ބާރުކަމުން ކަމަށާއި އަދި ކުރެވިފައިވާ ނޭއްގާނީ ކަންތައްތަކުންނާއި ގަނެވިފައިވާ ގިނަ އަދަދެއްގެ ފްލެޓްތަކުގެ ސަބަބުން މިފަދަ ވާހަކަތައް ދެއްކުން ނޫން އިތުރު ގޮތެއް ނެތް ކަމަށެވެ.
"ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ ދުވަސްވަރު ލ. ކައްދޫގެ މައްސަލަ ސަރުކާރާ ދެކޮޅަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފައި. ވިލާ ކުންފުންޏާ އެއްކޮޅަށް މައްސަލަ ނިންމުމުން ސަރުކާރުން ވަނީ ސަރުކާރާއި ވިލާ ކުންފުންޏާ އެކު ހެދިފައިވާ ހުރިހާ އެގްރީމެންޓްތަކެއް އައުޓް އޮފް ކޯޓް ސެޓުލްމެންޓަކަށް ދިޔައީ. އަދި އާ އެގްރީމެންޓްތަކެއް ހެއްދުނު. އެހެންނަމަވެސް އަނެއްކާވެސް އެގްރީމެންޓް ބަދަލުކޮށްލާ އެއީ ނެތް އެއްޗަކަށް ހައްދާފައިވަނީ،" ސަމީރު ވިދާޅުވިއެވެ.
ސަމީރު ވިދާޅުވީ، ދައުލަތުން ނުފޫޒާއި ބާރުގެ ބޭނުން ކޮށްގެން ރައީސް ޔާމީން ކުރައްވަމުންދާ މަސައްކަތުގެ ސަބަބުން، ގާސިމް އިބްރާހިމާއި ވިލާ ކުންފުނީގެ ހައްގުތައް ގެއްލެމުންދާ ކަމަށެވެ.