ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި ގދ.ރަތަފަންދޫގައި ފެންބޮޑުވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ، އެރަށުގައި ފެން ބޮޑުވުމާ ގުޅިގެން ސަދަން އޭރިއާގެ ސިފައިން މިހާރު ހަރަކާތްތެރިވާން ފަށައިފައިވާ ކަމަށެވެ.
ހުކުރު ދުވަހުގެރޭ މެންދަމުން ފެށިގެން ގދ.ރަތަފަންދޫއަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވެ އެރަށުގެ ބައެއް ގޭގެ އާއި ޚިދުމަތް ދޭ ތަންތަނަށް ވެސް ވަނީ ފެންވަދެފައެވެ. އަދި ފެން ހިއްކުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކާޑެއްދުޫ ޕޯސްޓާއި ތިނަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
މި ހާދިސާގައި، އެރަށުގެ ދެ ގެއަކަށް ފެން ވަދެފައިވާއިރު މި ދެ ގެއިން ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން އަންނަނީ ކުރަމުންނެވެ. މީގެ އިތުރުން އެރަށުގެ މަގުތަކުގައި ހެދިފައިވާ ފެން ހިއްކުމަށްޓަކައި ޕަމްޕު ޖައްސައިގެން ދަނީ ފެން ހިންދަމުންނެވެ.