ނޫސް މަޖައްލާތަކުގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް އިސްލާހު ކުރެވުނު ގަވައިދާ އެއްގޮތަށް ނޫސް މަޖައްލާތަކުގެ އެޑިޓަރުން ބަދަލުކުރުމަށް އެއްމަސް ދުވަހުގެ މުއްދަތެއް ހޯމް އެފެޔާޒް އިން ދީފިއެވެ.
މިނިސްޓްރީ އޮފް ހޯމް އެފެޔާޒް އިން މީގެ ކުރިން ވަނީ ނޫސް މަޖައްލާ ފަދަ ތަކެތީގެ ގާނޫނޫގެ 1 ވަނަ މާއްދާގެ ދަށުން އެކުލަވާލެވިފައިވާ ނޫސް މަޖައްލާ އާއި އެ ނޫން ވެސް އެފަދަ ތަކެތި ރަޖިސްޓްރީކުރުމުގެ ގަވާއިދަށް އިސްލާހު ގެނެސްފައެވެ. އެ ގަވާއިދުގެ 10 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ނޫސް މަޖައްލާތަކުގެ އެޑިޓަރުގެ ޝަރުތެއްގެ ގޮތުގައި ނޫސްވެރިކަމުގެ ދާއިރާއިން ނުވަތަ ގުޅުން ހުރި ދާއިރާއަކުން ޑިގްރީއެއް ހާސިލްކޮށްފައިވުން ކަނޑައަޅާފައި ވެއެވެ. މީގެ އިތުރުން މި ދާއިރާގައި ފަސް އަހަރު ދުވަހު މަސައްކަތްކޮށްފައިވާ ފަރާތެއްކަމުގައި ވާންޖެހޭނެ ކަމުގައި ބަޔާންކޮށްފައިވެއެވެ.
އެހެން ކަމުން މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައވާ ނޫސް މަޖައްލާ އެޑިޓަރުންގެ ތެރެއިން "ނޫސް މަޖައްލާ އާއި އެ ނޫން ވެސް އެފަދަ ތަކެތި ރަޖިސްޓްރީ ކުރުމުގެ ގަވާއިދު" ގެ 10 ވަނަ މާއްދާގެ (ނ)ގައި ބުނާ ޝަރުތުތައް ހަމަނުވާ އެޑިޓަރުން ބަދަލުކޮށް އެމާއްދާގައި ބުނާ ޝަރުތުތައް ހަމަވާ އެޑިޓަރުންނަށް ބަދަލު ކުރުމަށް މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން އެއް މަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ހޯމް މިނިސްޓްރީން ހާމަކުރެއެވެ.
މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ނެރެފައިވާ މި ޤަވާއިގައި ބުނެފައިވާ ގޮތުގައި ނޫސް މަޖައްލާއެއްގެ މަސްއޫލުވެރިއަކު ޝަރުޢީ ގޮތުން ބަންދުވާތާ 15 ދުވަހުގެ ތެރޭގައި އެހެން މަސްއޫލުވެރިއަކު ހަމަނުޖެއްސިއްޖެ ނަމަ އެ ނޫސް މަޖައްލާއެއް އުވާލެވޭނެއެވެ. އަދި އެޑިޓަރު ޝަރުޢީ ގޮތުން ބަންދުވެއްޖެ ނަމަ ނުވަތަ މަގާމުން ވަކިވުން ނުވަތަ ވަކިކޮށްފި ހާލަތެއް މެދުވެރިވާތާ ތިން ދުވަހުގެ ތެރޭގައި އެމަޤާމާ ހަވާލުވާ އެހެން މީހެއްގެ އިއުތިރާޒެއް ނެތްކަމުގެ ކިޔުމާ އެކު ހޯމް މިނިސްޓްރީއަށް ހުށަހަޅަން ޖެހެއެވެ.
މި އިސްލާހާ ގުޅިގެން ނޫސް މަޖައްލާތަކާއި މީގެ ތެރޭގައި ހިމެނޭ އޮންލައިން ނޫސްތަކުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެގޮތުން ގާނޫނު ހެދުން ފަދަ މަސައްކަތްތައް ކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޝަރުތުތަކުގައި ތައުލީމީ ފެންވަރެއް ކަނޑައަޅާފައި ނުވާ އިރު ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ނަމަވެސް ހަމަ އެކަނި ޑިގްރީއެއް ނެތުމުން ޝަރުތު ގެއްލޭތީ ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. ހޯމް އެފެއާޒުން އަލަށް އެކުލަވައިލި އިސްލާހުގެ ސަބަބުން މިހާރު ހިންގަމުން އަންނަ ބޮޑެތި ނޫސް މަޖައްލާތަކާއި އޮންލައިންތަކުގެ އެޑިޓަރުންނަށް ބަދަލު ގެންނަން ޖެހޭނެއެވެ. އެއީ މިހާރު އެތަންތަނުގެ އެޑިޓަރުންގެ ގޮތުގައި ތިބީ މި ދާއިރާގައި ފުންނާބު އުސް ނަމަވެސް ދާއިރާ އިން ޑިގްރީއެއް ނެތް ފަރާތްތަކެވެ.