މިރޭގެ މުޒާހަރާގައި ފުލުހުން ގަސްތުގައި ނޫސްވެރިންނަށް ޓާގެޓް ކުރަމުންދާ ކަމަށް މުޒާހަރާގައި ހަރަކާތްތެރިވާ ނޫސްވެރިން ބުނެފިއެވެ.
މިރޭގެ މުޒާހަރާގައި ފުލުހުން ގަސްތުގައި ނޫސްވެރިންނަށް ޓާގެޓް ކުރަމުންދާ ކަމަށް މުޒާހަރާގައި ހަރަކާތްތެރިވާ ނޫސްވެރިން ބުނެފިއެވެ. މިއަދު ހަވީރުން ފެށިގެން އިދިކޮޅު ޕާޓީތަކުން ކުރަމުންދާ މުޒާހަރާގައި ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރި އެވެ. މިއަދު ހަވީރުގެ އިތުރުން މިރޭ ވެސް ބައެއް ނޫސްވެރިންގެ މޫނަށް އަމާޒުކޮށް ޕެޕާ ސްޕްރޭ ޖެހި އެވެ.
މުޒާހަރާ ކަވަރުކުރަމުންދާ ރާއްޖެ ޓީވީގެ ނޫސްވެރިޔާ ހަސަން ހުސައިން ބުނީ ސަންގު ޓީވީގެ ނޫސްވެރިޔާ އަބްދުﷲ ޔާމީންގެ ލޮލަށް ވަރަށް ބޮޑަށް ޕެޕަރ ސްޕްރޭ ޖެހުމުގެ ސަބަބުން އޭނާ ހޭނެތުނު ކަމަށާއި ސަންގު ޓީވީގެ ނޫސްވެރިޔާ އަހްމަދު އަޔާދުގެ އަނގަމަތި ފަޅާލާފައިވާ ކަމަށެވެ. މުޒާހަރާގެ މަންޒަރުތައް ފޮޓޯ ނަގަމުންދިޔަ ރާއްޖެޓިވީގެ ފޮޓޯ ގްރާފަރު މުހައްމަދު ޝަރުހާންގެ ލޮލަސް ޕެޕަރ ސްޕްރޭ ޖެހުމުގެ އިތުރުން ކެމެރާމަން އާދަމް ޒަރީރުގެ ގަޔަށް އަތްލާ ހިފާން ނުވާ ބައެއް ތަންތަނުގައި އަތްލާފައިވާކަމަށް ޒަރީރު ވަނީ ބުނެފައެވެ. މީގެ އިތުރުން ރާއްޖެޓީވީގެ ރިޕޯޓަރު ހުސެއިން ހަސަން ފުލުހުން ހައްޔަރުކޮށްގެން ގެންގޮސްފައިވާއިރު، އޭނާ ހައްޔަރު ކުރީ ވަރަށް އަނިޔާވެރިކޮށްކަމަށް މަންޒަރު ދުށް ބައެއް ރިޕޯޓަރުން ވަނީ މައުލޫމާތު ދީފައެވެ. އަދި ހުސެއިންއާއި އެކު ރާއްޖެޓީވީގެ މައިކް ވެސް ފުލުހުން ވަނީ އަތުލާފައެވެ.
ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސް އަޅަމުންދިޔައިރު، ކެމެރާމަން އާދަމް ޒަރީރުގެ ގައިގައި ފުލުހުން ޖެހި ކަމަށާއި ހުސައިން ފަޒީންގެ ލޮލަށް ޕެޕަ ސްޕްރޭ ޖެހިކަން ވެސް ހުސައިން ބުންޏެވެ.
މުޒާހަރާ ކަވަރުކުރަމުން ދިޔައިރު މަންޒަރުތައް ރިޕޯޓް ނުކުރެވޭ ގޮތަށް ފުލުހުން ދަނީ ހުރަސް އަޅަމުންނެވެ.