ރީތި ބީޗް ރިސޯޓުގެ އަލިފާން ރޯވި ދޯނި އަޑިއަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް(އެމްއެންޑީއެފް) އިން ބުނެފިއެވެ.
އެމްއެމްޑީއެފުން ބުނީ އަލިފާން ނިއްވާލާފައި ވަނިކޮށް ދޯނި އަޑިއަށް ގޮސްފައިވަނީ މިއަދު ހަވީރު 16:35 ހާއިރު ކަމުގައެވެ. އަލިފާން ރޯވިއިރު އެ ދޯނި އޮތީ ކޮކޯ ބޮޑު ހިތި ރިސޯޓާއި 6 މޭލު ބޭރުގައެވެ.
މިހާދިސާގައި އަލިފާން ރޯވެފައި ވަނީ ރ. އަތޮޅު ރީތި ފަރު ރިސޯޓުން ކުނި ހިފައިގެން ތިލަފުއްޓަށް ދަތުރުކުރި އެމް 2 ނަމަކަށް ކިޔާ 85 ފޫޓްގެ ދޯންޏެއްގައެވެ. ދޯނީގައި ރޯވި އަލިފާން ނިއްވާލާފައިވަނީ މެންދުރު ފަހު 14:05 ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
ކުނި ހިފައިގެން ތިލަފުއްޓަށް ދަތުރުކުރަމުން ދަނިކޮށް ދޯނީގައި އަލިފާން ރޯވިކަމުގެ ރިޕޯޓް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ލިބިފައި ވަނީ މިއަދު 11:15 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މި ދޯނިން 3 ދިވެހީންނާއި ބިދޭސީއަކާއެކު ޖުމްލަ 4 މީހުން ދަތުރުކުރިއެވެ. މިހާދިސާ ހިނގުމާއެކު އެދޯނިން ދަތުރު ކުރި 4 މީހުން ވަނީ މޫދަށް ފުންމާލައިގެން ގޮސް އެސަރަހައްދުން ދަތުރުކުރި އެޕޯލޯ ހޯލްޑިންގ ޕްރައިވެޓް ލިމިޓެޑް ދޯންޏަކަށް އަރާފައެވެ.