އަވަށްޓެރި އިންޑިއާގެ ބެންގަލޫރުގައި އުޅޭ ދިވެހި ކިޔަވާ ކުދިންނާއި އެކުދިންގެ އާއިލާތަކާއި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބައްދަލު ކުރައްވައިފި އެވެ.
ރައީސް ނަޝީދު އިންޑިއާގެ ބެންގަލޫރަށް ވަޑައިގަންނަވާފައި މިވަނީ ދަ ހިންދޫ ނޫހުގެ ފަރާތުން ބާއްވާ އަދަބީ ފެސްޓިވަލެއްގައި ބައިވެރިވެ ވަޑައިގެންނެވުމަށެވެ. ރައީސް ނަޝީދު މި ފެސްޓިވަލްގައި ދެ ޙަރަކާތެއްގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އެގޮތުން މި މަހުގެ 17 ވަނަ ދުވަހު ރާއްޖޭގައި މިހާރު އިއުލާން ކުރެވިފައިވާ ކުއްލި ނުރައްކަލުގެ ޙާލަތާއި އަދި ސުޕްރީމް ކޯޓުގެ އަމުރާ ބެހޭ ގޮތުންނާއި ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުން ރައީސް ނަޝީދު ވާހަކަ ދެއްކެވުމަށް ހަމަޖެހިފައިވާ އިރު، ރާއްޖެ އިން ބޭރުގައި ހުންނަވައިގެން ސިޔާސީ ހަރަކާތް ހިންގެވުމާ ގުޅޭ ގޮތުން ވެސް ޕެނަލެއްގައި ވާހަކަ ދައްކަވާނެއެވެ.
މި ފެސްޓިވަލްގައި ބައިވެރިވެ ވަޑައިގަންނަވާ ސިޔާސީ އަދި މަޝްހޫރު އެހެން ބޭފުޅުންނަށް ބަލާލާއިރު، ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ، އިންޑިއާގެ ދިފާޢީ ވަޒީރު ނިރްމަލާ ސިތަރަމަން، ޕަންޖާބްގެ ޗީފް މިނިސްޓަރ އަމްރިންދަރް ސިންހް، އަންދްރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރ އެން ޗަންދްރަބާބޫ ނައިޑޫ، އިންޑިއާގެ ކުރީގެ ޤައުމީ ސަލާމަތާއި ބެހޭ މުޝީރު ޝިވްޝަންކަރު މެނޮން އަދި ކުރިން ޕާކިސްތާނުން އެމެރިކާއަށް ކަނޑައަޅާފައި ހުންނެވި ސަފީީރު ހުސައިން ހައްޤާނީ ހިމެނިވަޑައިގަންނަވައެވެ.
މި ފެސްޓިވަލްގައި ބައިވެރިވެ ވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި ވިޔަފާރި އާއި އިޤްތިޞާދުގެ ދާއިރާގައި ފާހަގަކޮށްލެވޭ ބޭފުޅުން ހިމެނެއެވެ. އޭގެތެރޭގައި އިންޑިއާގެ މަރުކަޒީ ބޭންކްގެ ކުރީގެ ގަވަރުނަރުން ކަމަށްވާ ޑީ ސުބަރާއޯ އާއި ސީ ރަންގަރަޖާން އާއި ވޮލްމާޓް އިންޑިއާގެ ސީއީއޯ ކްރިޝް އައްޔަރު އާއި އައިކިއާ އިންޑިއާގެ ސީއީއޯ ޕީޓަރ ބެޓްޒެލް އަދި ޑެއިމްލަރ އިންޑިއާގެ އެރިކް ނެސެލްހޯފް ހިމެނިވަޑައިގަންނަވައެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތުން އިނގިރޭސިވިލާތުގައި ދިރިއުޅުއްވަން ފެއްޓެވި ފަހުން ރައީސް ނަޝީދު ވަނީ މީގެ ކުރިން ވެސް އިންޑިއާއަށް ވަޑައިގެންފައެވެ. އެޤައުމުގެ އިސް ބޭފުޅުން ރައީސް ނަޝީދާ ބައްދަލުކުރެއްވި ނަމަވެސް ދިވެހި ސަރުކާރުން މަންދޫބެއް ފޮނުވަން މަސައްކަތް ކުރުމުން އިންޑިއާ އިން އެކަމަށް އެއްބަސްވެފައެއް ނުވެއެވެ.