ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކުރި އަމުރު ތަންފީޒުކުރުމަށް ގޮވާލާއި އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ވެހިކަލް ބުރަށް ފުލުހުންނާއި ސިފައިން ހުރަސް އަޅާއިފިއެވެ.
ހުކުރު ދުވަހު ހަވީރު ހުތަދޫ އެމްޑީޕީ ހަރުގެ ކުރިމަތިން ވެހިކަލް ބުރު ފެށުމަށް ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް ފުލުހުން އެ ސަރަހައްދަށް ގޮސް ވެހިކަލް ބުރު ކުރިއަށް ނުގެންދެވޭނެކަން އެންގި އެވެ. ނަމަވެސް އެއްވެއުޅުމުގެ މިނިވަންކަމަކީ ގާނޫނު އަސާސީން ކޮންމެ ރައްޔިތަކަށް ވެސް ލިބިދީފައިވާ ހައްގެއް ކަމަށް ބުނެ އެއްވުން ހަތަރު ފުރޮޅުލީ 30 ވެހިކަލާއި ގިނަ އަދަދެއްގެ ސައިކަލާއެކު ވެހިކަލް ބުރު ފެށި އެވެ. ވެހިކަލް ބުރު އައްޑޫ ސިޓީ ހިތަދޫ ބޮޑު މަގުން ކުރިއަށް ދަނިކޮށް ފުލުހުން ވަނީ ރައިޓް ގިޔަރުގައި ގޮސް ވެހިކަލް ބުރު ހުއްޓުވާފަ އެވެ.
ވެހިކަލް ބުރުގައި ބައިވެރިވުމަށް އައްޑޫ ސިޓީ މަރަދޫ ފޭދޫ އިން ހިތަދޫއަށް އައުމަށް ނައްޓާލި ވެހިކަލްތައް ހިތަދޫއަށް ނާދެވޭނެ ގޮތަށް ވެސް ފުލުހުން ބައެއް މަގުތަށް ބަންދުކުރިއެވެ.
މިކަމާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭއަރު މުހައްމަދު ޔަޝްރިފް ވިދާޅުވީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން އަމުރު ނެރުމަށް ފަހު އަދި ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ޕީޕީއެމްގެ ވެހިކަލް ކުރިއަށް ގެންދިއުމަށް ފުލުހުން ފުރުސަތު ދީފައިވާ ކަމަށެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ތާއިދުކޮށް ވެހިކަލް ބުރެއް ކުރިއަށް ގެންދަން ފުލުހުން ފުރުސަތު ނުދުނުމުން ހިތާމަ ކުރާ ކަމަށް ޔަޝްރިފް ވިދާޅުވީއެވެ. ވެހިކަލް ބުރުގައި ބައިވެރި އާންމު ރައްޔިތުންނައި މުހާތަބްކޮށް ވާހަކަ ދައްކަވަމުން ޔަޝްރިފް ވަނީ ފުލުހުން ސިޔާސީ ނުވެ، ހުރިހާ ފަރާތަކާއި މެދު ވެސް ހަމަހަމަ އަށް އަމަލުކުރުމަށް ގޮވާފައެވެ.
ފުލުހުން ހަތަދޫ ބޮޑު މަގުން ކުރިއަށް ނުދެވޭނެ ގޮތަށް ސަފުތައް އަތުރާލުމަށް ފަހު ބެރިކޭޓް ޖަހާ އެ މަގު ބަންދުކުރުން އާންމު ރައްޔިތުން ވަނީ ވެހިކަލްތަކުން ފައިބައި ބެރިކޭޓްގެ ފަހަތުގައި އަޑުއުފުލާފައެވެ. ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ގޮވި ނަމަވެސް ފުލުހުން އެމީހުން ފަހަތަށް ޖައްސާފައެއްް ނުވެއެވެ.
ވެހިކަލް ބުރު މުަޒާހަރާއަކަށް ބަދަލުވި ނަމަވެސް ހަވީރު 6:00 ހާއިރު މި ހަރަކާތް ވަނީ ނިންމާލާފައެވެ.