ކުއްލި ނުރައްކަލުގެ ހާލަތު ހިންގައި، ހައްޔަރުކޮށްފައިވާ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލްޤައްޔޫމް ހުންނެވި ހާލުކޮޅެއް ސާފު ނުވާ ކަމަށާއި، ކުއްލި ގޮތަކަށް އެމަނިކުފާނު މާފުށީ ޖަލުން ދޫނިދޫ ޑިޓެންޝަން ސެންޓަރަށް ބަދަލުކުރިކަން އާއިލާއަށް އަންގާފައިވެސް ނުވާކަމަށް އެމަނިކުފާނުގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
ފެބްރުއަރީ 5 ވަނަ ދުވަހުގެރޭ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކުރުމަށްފަހު، ސަރުކާރު ވައްޓާލަން އުޅޭ ކަމުގެ ތުޙުމަތުގައި ހައްޔަރު ކޮށްފައިވާ ރައީސް މައުމޫން އެންމެ ފުރަތަމަ ހައްޔަރުގައި ބަހައްޓާފައިވަނީ ދޫނިދޫ ޑިޓެންޝަން ސެންޓަރުގައެވެ. އަދި އޭގެ ފަހުން މާފުށީ ޖަލަށް އެމަނިކުފާނު ބަދަލުކުރުމަށްފަހު، ކުއްލި ގޮތަކަށް އަނެއްކާވެސް ދޫނިދޫއަށް ބަދަލުކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ އިރުއޮއްސުނު ވަގުތުއެވެ.
ރައީސް މައުމޫން ދޫނިދޫއަށް ބަދަލުކުރިކަން ދޫނިދޫ ކަސްޓޯޑިއަލްއިން އެމަނިކުފާނުގެ އާއިލާއަށް އަންގާފައި ނުވާއިރު، ޔުމްނާ ހާމަކުރައްވާފައިޥާ ގޮތުގައި ރައީސް މައުމޫން ހުންނެވީ ދޫނިދޫގައިކަން ކަށަވަރުވީ، ބުރާސްފަތި ދުވަހުގެރޭ އެކަމަނާ، ރައީސް މައުމޫންގެ އިންވެސްޓިގޭޝަން އޮފިސަރަށް ގުޅުއްވައި ސުވާލުކުރެއްވުމުންނެވެ.
ޔުމްނާ ވިދާޅުވީ ހުކުރު ދުވަހުގެ މެންދުރާއި ހަމައަށްވެސް ރައީސް މައުމޫން އާއި އާއިލާއާއި ގުޅޭގޮތް ވެފައި ނުވާ ކަމަށާއި، އެހެކަމުން އެމަނިކުފާނު ހުންނެވި ހާލަތެއް އާއިލާއަށް ސާފުނުވާ ކަމަށެވެ.
Still waiting for my father @maumoonagayoom to call family so that we can be sure that he is safe and well. Last night @PoliceMv IO only confirmed only when I called him. Dhoonidhoo Custodial did not inform family. @hrcmv @UNHumanRights @amnesty
— Yumna Maumoon (@yumna_maumoon) February 16, 2018
ރައީސް މައުމޫންގެ ޤާނޫނީ ވަކީލު، މައުމޫން ހަމީދު ވިދާޅުވީ، މިފަދަ ކުއްލި ބަދަލުތަކާއިއެކު، ރައީސް މައުމޫންގެ ހާލުކޮޅާއިމެދު ކަންބޮޑުވުން އުފެދޭ ކަމަށެވެ. ބުރާސްފަތި ދުވަހުގެރޭ މައުމޫން ހަމީދު ވަނީ އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނަށްވެސް ހުށަހަޅުއްވައި، އެ ކޮމިޝަންގެ ރެޕިޑް އެކްޝަން ފޯސް ދޫނިދޫއަށް ފޮނުވައިދިނުމަށް އެދިވަޑައިގެންފައެވެ. ނަމަވެސް އެޗްއާރްސީއެމްއިން އެކަމާއި ގުޅިގެން އެއްވެސް މަސައްކަތެއް ކުރިކަން އެ ކޮމިޝަނުންވެސް އަދި ރަސްމީ އެހެން ފަރާތަކުންވެސް ހާމަކޮށްފައެއް ނުވެއެވެ.