މިމަހުގެ 5 ވަނަ ދުވަހުގެ ރޭ އިއުލާންކުރެވުނު ކުއްލި ނުރައްކަލުގެ ޙާލަތު އުވާލާނީ ފަނޑިޔާރުގޭގައި އެޅިފައިވާ މަރުތަޅު ނެއްޓުމުންކަމަށް ރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.
އަހުމަދު މުހައްމަދު ވިދާޅުވީ މިމަހުގެ 20 ވަނަ ދުވަހާއި ހަމަޔަށް އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު ހަމަވުމުގެ ކުރިން ދިމާވެފައިވާ މައްސަލަތަކަށް ހައްލު ލިބޭނެކަމުގެ ޔަޤީންކަން ދިވެހި ސަރުކާރަށް އެބައޮތްކަމަށެވެ.
ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު އަކިލޭޝް މިޝްރާވެސް ރާއްޖޭގެ ޚާރިޖިއްޔާގެ ފޮރިން ސެކްރެޓަރީ އަހުމަދު ސަރީރާއި މާލޭގައި ބައްދަލުކުރައްވާފައިވާއިރު، 15 ދުވަހުގެ މުއްދަތަށްފަހު ކުއްލި ނުރައްކަލުގެ ޙާލަތު އުވާލާނެކަމުގެ ޔަޤީންކަން ދިވެހި ސަރުކާރުން އިންޑިއާއަށް ދީފައިވާކަމަށް އިންޑިއާގެ މީޑިއާތައް ބުނެއެވެ.
އިންޑިއާގެ ދަ ވަޔަރ ނޫހަށް ދެއްވި އިންޓަރވިއުގައި ދިއްލީގައި ހުންނަވާ ދިވެހި ސަފީރު އަހުމަދު މުހައްމަދު ވިދާޅުވީ ހައްޔަރުކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދާއި ފަނޑިޔާރު އަލީ ޙަމީދާއި ދެބޭފުޅުންގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކެއް ޖުޑީޝަލް ސަރވިސަސް ކޮމިޝަނުން ބަލަމުން ދިޔަކަމަށެވެ. އަދި ކުއްލި ޙާލަތު އިއުލާންކުރެވުނީ ސުޕްރީމް ކޯޓުން ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުގެ ރޭ ނެރުނު އަމުރުގައި ސުޕްރީމް ކޯޓުގެ މައްސަލަތައް ޖޭއެސްސީއަށް ނުބެލޭނެކަމަށް ނިންމާފައިވާތީ، އެއީ ވެރިކަމުގެ ބާރުތައް ޤާނޫނާއި އެއްގޮތަށް ވަކިކޮށްފައި ބޭއްވުމަށް ދަތިވެ، ޤާނޫން އަސާސީ އޮޅުންބޮޅުންވާތީކަމަށެވެ.
ކުއްލި ނުރައްކަލުގެ ޙާލަތު އުވާނުލައި އޮތީ ފަނޑިޔާރުގޭގައި މަރުތަޅު އެޅުވުމުންކަމަށް ސަފީރު ވިދާޅުވުމުން، ފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު ސުޕްރީމް ކޯޓުން އެކޯޓުގެ އަމުރުގެ ބައެއް ބައިތައް އުނިކޮށް އަލުން އަމުރު ނެރުމުން އެމައްސަލަ ހައްލުވީ ނޫންތޯ ދަ ވަޔަރ ނޫހުން ސުވާލުކުރިއެވެ. އޭގެ ޖަވާބުގައި ފަނޑިޔާރުންގެ މައްޗަށް ކުރެވޭ ރިޝްވަތުގެ ތުހުމަތުތައް ބަލަމުންދާކަމަށް ވިދާޅުވެ، ސަފީރު އަހުމަދު މުހައްމަދު އެއަށް ސީދާ ޖަވާބެއް ދެއްވާފައެއް ނުވެއެވެ.
މަޖިލިސް މެމްބަރުންގެ ގޮނޑީގެ މައްސަލައިގައި އަހުމަދު މުހައްމަދު ވިދާޅުވީ ގޮނޑި ގެއްލުނުކަމަށް ބުނާ 12 މެމްބަރުންގެ ގޮނޑިއާއި މެދު ސަރުކާރުން ސުވާލު ނުއުފައްދާކަމަށާއި، ކޯޓު އަމުރާއި އެއްގޮތަށް، މަޖިލިސް ފެށޭއިރު އެމެމްބަރުންނަށް މަޖިލީހަށް ވަދެވަޑައިގެންނެވޭނެކަމަށެވެ.
ބުރާސްފަތި ދުވަހު މާލޭގައި ފޮރިން ސެކްރެޓަރީ އާއިއެކު އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާ ބޭއްވި ބައްދަލުވުމުގައި، އިންޑިއާއަށް ރާއްޖޭގެ މަންދޫބަކު ފޮނުވުމަށް އިންޑިއާ ސަރުކާރަށް ފަސޭހަ ވަގުތަކަށް އަދިވެސް ރާއްޖެއިން އިންތިޒާރުކުރަމުންދާކަމަށް، ސަފީރު އަރިހު ފޮރިން ސެކްރެޓަރީ ދެންނެވިކަމަށްވެސް ދަ ވަޔަރ ގައި ރިޕޯޓްކޮށްފައިވެއެވެ.
ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކޮށްފައިވަނީ މިމަހުގެ 5 ވަނަ ދުވަހުގެ ރެއެވެ. އަދި ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކުރުމަށްފަހު ހަމަ އެރޭ ސުޕްރީމް ކޯޓަށް ގަދަބާރުން ފުލުހުންނާއި ސިފައިން ވަދެ، ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދާއި، ފަނޑިޔާރު އަލީ ޙަމީދު ރިޝްވަތުގެ ތުހުމަތުގައި ބަންދުކުރިއެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި، ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސަޢީދު އަދި ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާގެ ފިރިކަލުން މުހައްމަދު ނަދީމުވެސް ހަމަ އެރޭ ހައްޔަރުކުރިއެވެ.
ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކުރުމަށްފަހު 48 ގަޑިއިރު ތެރޭ ރައްޔިތުންގެ މަޖިލީހަށް އެމައްސަލަ ހުށަހަޅަން ޖެހޭއިރު، މަޖިލީހުގެ ދައުރު ފެށިފައިނުވާކަމަށް ބުނެ އެމައްސަލަ މަޖިލީހަށް ހުށަހަޅާފައެއް ނުވެއެވެ. ދައުރު ނުހިނގިނަމަވެސް، 14 ދުވަސް ތެރޭ މަޖިލީހަށް އެމައްސަލަ ހުށަހަޅަން ޖެހޭއިރު، ކުއްލި ޙާލަތު އިއުލާންކުރިތާ 14 ދުވަސް. މިމަހުގެ 19 ވަނަ ދުވަހަށް ހަމަވާނެއެވެ. އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ގަދަބާރުން ސަރުކާރުން މަޖިލިސް ޖަލްސާތައް ބޭއްވުނަ ނުދިންނަމަވެސް، މަޖިލިސް ޤަވާޢިދު ބުނާ ގޮތުން މިމަހުގެ 5 ވަނަ ދުވަހު މި އަހަރުގެ ފުރަތަމަ ދައުރު ވަނީ ފެށިފައެވެ.