ގައުމު ބައިބައިކޮށް ގައުމުގެ ތަނަވަސްކަން ނައްތާލަން އުޅުމަކީ ގައުމުގެ އަމްނާއި އަމާންކަން ބަލިކަށި ކުރަން ކުރެވޭ މަސައްކަތެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
"ހާކިމާއަކީ ނިއުމަތެއް" ގެ މައުލޫގެ ދަށުން ގެނެސްދިން ޚުތުބާގައި ބުނެފައި ވަނީ ހާކިމާއަކީ ﷲ ދެއްވި ނިއުމަތަކަށް ވާތީ އެ ނިއުމަތަށް ޝުކުރުވެރި ވާންޖެހޭ ކަމަށާއި ޝުކުރުވެރިވުމަކީ އެނިއުމަތުގެ ބޭނުން ރަނގަޅު ގޮތުގައި ބޭނުން ކުރުން ކަމަށެވެ. ހާކިމާއަކީ ނިއުމަތަކަށް ވަނީ އޭނާގެ ސަބަބުން ދީން ދީން ރައްކާތެރިކުރެވޭތީ ކަމަށް ޚުތުބާގައި ވެއެވެ.
"އޭނާގެ ސަބަބުން ގައުމުގެ ދީން ރައްކައުތެރިކުރެވޭތީއެވެ. އޭނާގެ ސަބަބުން ގައުމުގެ މުއްސަނދިކަން ރައްކައުތެރިކުރެވޭތީއެވެ. އޭނާގެ ސަބަބުން ގައުމުގެ ލޭ އޮހޮރުވުން މަނާކުރެވޭތީއެވެ. އޭނާގެ ސަބަބުން ގައުމުގެ ކަރާމާތާއި ރައްޔިތުންގެ އަބުރާއި އިއްޒަތް ރައްކައުތެރި ކުރެވޭތީއެވެ. އޭނާގެ ބަހުގެ ސަބަބުން ގައުމުގެ ފިކްރު އެއްގޮތް ވެގެންދާތީއެވެ. އޭނާގެ ވެރިކަމުގެ ދަށުގައި ގައުމުގެ ސަފުތައް އެއްބައިވަންތަ ވެގެންދާތީއެވެ. އޭނާ ހުރުމުގެ ސަބަބުން އެ ގައުމެއް ދިރި ކުރިއަރައިގެން ދާނެތީއެވެ. ރައްޔިތުންގެ ހައްގުތައް ލިބި ރައްކައުތެރިވެގެން ދާނެތީއެވެ،" ޚުތުބާގައި ވެއެވެ.
ގައުމެއްގެ އެއްބައިވަންތަ ކަމަކީ އެންމެންގެ ބޮލުގައި އެޅިފައިވާ އަމާނާތެއް ކަމަށާއި ގައުމު ބައިބައިކޮށް އުޅުމަކީ ގައުމުގެ އަމާންކަން ބަލިކަށިކުރަން ކުރެވޭ މަސައްކަތެއް ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.
އުމަރުބުނުލް ޚައްތާބު ވިދާޅުވެފައިވާ ކަމަށް ޚުތުބާގައި ބުނެފައި ވަނީ "އެބައިމީހުންގެ ވެރިން ތެދުމަގަށް ތަބާވާ ނަމަ، އެމީހުން ހެޔޮކަންމަތިން ފިލައި ނުގޮސް ތިބޭނެ" ކަމަށެވެ.
"ބައެއް ސަލަފުން ވިދާޅުވާ ގޮތުގައި މާތްﷲ ރުއްސުންލެއްވި އިބްނުލް މުނީރު އަނިޔާވެރި ވެރިއަކަށްޓަކައި ހެޔޮ ދުއާކުރެއްވުމުން އެކަލޭގެފާނަށް ދެންނެވުނެވެ. އަނިޔާވެރި ވެރިއަކަށް ހެޔޮދުއާ ކުރައްވަނީތޯއެވެ. ޖަވާބުގައި އެކަލޭގެފާނު ވިދާޅުވިއެވެ. މާތްﷲ ގަންދީ ބުނަމެވެ. އޭނާއަށް ދުއާ ކޮށް ދެއްވާ ހުށީމެވެ. ހަމަކަށަވަރުން އޭނާ ވެރިކަމުން ބާލައިގެން ލިބޭ ފައިދާއަށް ވުރެ އޭނާ ވެރިކަމުގައި ބެހެއްޓުމުން ﷲ ދެއްވާ ފައިދާ މާ ބޮޑެވެ." ޚުތުބާގައި ބުނެފައިވެއެވެ.
މީގެ އިތުރުން ޚުތުބާގައި ބުނެފައި ވަނީ ވެރިމީހާއާ ދެކޮޅު ހަދައި ދެބަސްވެ ހުރުމަކީ މަނާ ކަމެއްކަން ރަސޫލާގެ ބަސްފުޅުން އެނގޭ ކަމަށެވެ. އަދި އެފަދަ ހާލަތެއްގައި ހުރެ ދުނިޔެ ދޫކުރާ މީހާ އަށް އާޚިރަތުގައި ކުރިމަތިލާން ޖެހޭނީ ބިރުވެރި ހާލަތަކާ ކަމަށް ވެސް ޚުތުބާގައި ބުނެފައި ވެއެވެ.
ޚުތުބާގައި ބުނެފައި ވަނީ ޚާކިމާ އަށް ނަސޭހަތެއް ދޭން ބޭނުންވާ މީހާ އެކަން ކުރަންޖެހެނީ ރިވެތި ގޮތުގައި އޭނާގެ އިއްޒަތާއި ކަރާމާތަށް އުނިކަމެއް ނުލިބޭނެ ފަދަ ގޮތަކަށް ރިވެތި ބަހުން ކަމަށެވެ. އަދި ވެރިމީހާ އާށް ނަސޭހަތް ދޭ މީހާ ފާޅުގައި އެކަން ނުކުރުމަށް ރަސޫލާ ހަދީސްކުރައްވާފައިވާ ކަމަށް ޚުތުބާގައި ވެއެވެ.
ހާކިމާއަށް ކޮންމެ ހާލަތެއްގައި ވެސް ކިޔަމަން ވާންޖެހޭނެ ކަމަށް ރަސޫލާ އެކަލޭގެ ފާނުގެ ސަހާބީންނަށް އަމުރުކުރައްވާފައިވާ ކަމަށް ޚުތުބާގައި ބުނެފައި ވެއެވެ.
މިއީ ވަރަށް ބޮޑަށް ސިޔާސީ ވާހަކަތައް ހިމަނާފައިވާ ކަމަށް ބުނެ ދީނީ އިލްމުވެރިން ގެންދަވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އަދި އިސްލާމިކް މިނިސްޓްރީން އެންމެ ފުރަތަމަ އާންމުކުރި ޚުތުބާގައި ދޮގު ހަދީސްތައް ހިމަނާފައިވާ ކަމަށް ބައެއް އިލްމުވެރިން ގެންދަވަނީ ވިދާޅުވަމުންނެވެ.