ފާޑުކިޔުންތައް އަމާޒުވެފައިވާ ހުކުރު ޚުތުބާ ކިޔުމަށް ދެކޮޅު ހަދައި ޚުތުބާ ނުކިޔާނެ ކަމަށް ލ. މާމެންދޫ މިސްކިތުގެ އިމާމު ބުނެފިއެވެ.
މާމެންދޫ ކައުންސިލްގެ ނާއިބު ރައީސް ހުސައިން ހަބީބު އަލީ ރާއްޖެއެމްވީއަށް ވިދާޅުވީ ޚުތުބާ ނުކިޔާނެ ކަމަށް ރަށުގެ ޒިންމާދާރު ވެރިޔާއަށް އިމާމު އަންގާފައިވާ ކަމަށެވެ. ސަބަބަކީ އެއީ ވަރަށް ބޮޑަށް ސިޔާސީކޮށްފައިވާ ޚުތުބާއެއް ކަމަށް ދީނީ އިލްމުވެރިން ވިދާޅުވުމުން ކަމަށާއި ދީނީ އިލްމުވެރިން ގަބޫލު ނުކުރާ ގޮތަކަށް ޚުތުބާ ނުކިޔޭނެ ކަމަށް އިމާމު ބުނެފައިވާ ކަމަށެވެ.
ކައުންސިލްގެ ނާއިބު ރައީސް ވިދާޅުވީ ޚުތުބާ ކިޔުމަށް މުދިމު އިންކާރުކުރުމުން މިހާރު ޚުތުބާ ކިޔުމުގެ ހުއްދަ އޮންނަ އެރަށު އެހެން މީހަކު ހަމަޖައްސާފައި ވާކަމަށެވެ.
އިސްލާމިކް މިނިސްޓްރީން މިސްކިތްތަކަށް މިއަދު ފޮނުވާފައިވާ ޚުތުބާގެ މައުޟޫއަކީ "ހާކިމާއަކީ ނިއުމަތެއް" އެވެ. މި ޚުތުބާއާ ގުޅިގެން ދީނީ އިލްމުވެރިންގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު މިއީ ވަރަށް ބޮޑަށް ސިޔާސީ ކޮށްފައިވާ ޚުތުބާއެއް ކަމަށް އިލްމުވެރިން ދަނީ ވިދާޅުވަމުންނެވެ. އަދި އެ ޚުތުބާގައި ދޮގު ހަދީސްތަކެއް ހިމެނޭކަން އިސްލާމިކް މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމުން އެބައި އުނިކޮށްގެން ޚުތުބާ ކިޔުމަށް ވަނީ އަންގާފައެވެ.