ދީނީ ނަސޭޙަތްތަކާއި ހުކުރު ދުވަހުގެ ޚުޠުބާ ސިޔާސީވެ، ވެރިންނާ މެދު އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތާ ޚިލާފަށް ވާހަކަތައް ސަރުކާރުން ފަތުރަމުންދާތީ އެމްޑީޕީ އިން އެކަން ކުށްވެރިކޮށްފިއެވެ.
އެމްޑީޕީ އިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހުކުރު ހުތުބާ ސިޔާސީ ކުރުމަކީ މުޖުތަމަޢުގައި ފިތުނަ އުފެދިދާނެ ކަމެއް ކަމަށާއި އެފަދަ ކަންކަމުގައި ދީނީ އިލްމުވެރިން ބައިވެރިނުވުމަށް އިލްތިމާސްކުރާ ކަމަށެވެ. އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތްތައް އާންމުންނަށް އޮޅުންފިލުވައި ދެއްވުމަށާއި މިސްކިތްތަކަކީ ސަރުކާރުގެ ސިޔަސީ ޖަގަހަތަކަކަށް ނުހެދުމަށް ވެސް އެމްޑީޕީ އިން ގޮވާލާފައި ވެއެވެ.
"ދީނީ ނަސޭޙަތްތަކާއި ހުކުރު ދުވަހުގެ ޚުޠުބާ އިންތިހާއަށް ސިޔާސީވެ، ވެރިންނާ މެދު އިސްލާމްދީނުގައި އަންގަވާފައިވާ ގޮތާ ޚިލާފް ވާހަކަތައް ފަތުރަމުން އަންނާތީ އެކަން އެންމެ ހަރު އަޑުން ކުށްވެރިކުރަމެވެ،" އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އެމްޑީޕީން ބުނީ ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙް ހޫނުވެ، ޤާނޫނުގެ ވެރިކަން ނަގާލައި، ހަމަނުޖެހުމުގެ ތެެެރެއަށް މުޅި ދިވެހިރާއްޖެ ވެއްޓިފައިވާ ވަގުތެއްގައި، އިސްލާމްދީން ސިޔާސީ ހަތިޔާރަކަށް ބޭނުން ނުކުރުމަށެވެ.
"ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙް ހޫނުވެ، ޤާނޫނުގެ ވެރިކަން ނަގާލައި، ހަމަނުޖެހުމުގެ ތެެެރެއަށް މުޅި ދިވެހިރާއްޖެ ވެއްޓިފައިވާ މި ވަގުތުގައި، މާތްވެގެންވާ އިސްލާމްދީން ސިޔާސީ ހަތިޔާރަކަށް ބޭނުން ނުކުރުމަށް ޢަބްދުﷲ ޔާމީނަށާއި، އިސްލާމިކް މިނިސްޓްރީއަށާއި، މަދަނީ ޖަމުޢިއްޔާތަކަށާއި ދީނީ ޢިލްމުވެރީންނަށް އިޚްލާސްތެރިކަމާއެކު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އިލްތިމާސް ކުރަމެވެ،" އެމްޑީޕީގެ ބަޔާނުގައި ވެއެވެ.
ސަރުކާރުން ރާވާ ސިޔާސީ ޙަރަކާތްތަކުގައި އިސްލާމްދީނުގެ ޙައްޤުގައި ބައިވެރިވުމަށާއި ސަރުކާރުން އެދޭ ގޮތަށް ކަންކަން ކުރުވުމަށް އިސްލާމްދީނުގެ ނަން ބޭނުންކޮށްގެން ސިޔާސީ މަންފާ ޙާސިލްކުރުމަށް އެތަށް ގޮތަކުން ކަންކަން ކުރަމުން ދާކަން އެމްޑީޕީއަށް ފާހަގަ ކުރެވިފައިވާ ކަމަށް ވެސް އެ ޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. ސަރުކާރުން އިންތިޒާމް ކުރާ ޙަރަކާތްތަކަށް މީހުން އައުމަށް ގޮވާލަމުން ދާއިރު، އެ ޙަރަކާތްތަކުގައި ބައިވެރިވުމަކީ ދީނީ ވާޖިބެއް ކަމަށާއި ބައިވެރި ނުވެއްޖެ ނަމަ ޤިޔާމަތް ދުވަހު ފާފަވެރިވާނެ ކަމަށް ދޭހަވާ ގޮތަށް ވާހަކަތައް، ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ވަޒީރުން ފާޅުގައި ދައްކަވަވަމުން ގެންދަވާތީ އެކަމުގެ ކަންބޮޑުވުން ވެސް އެމްޑީޕީން ފާހަގަކޮށްފައިވެއެވެ.
ހުތުބާ ސިޔާސީވެފައިވާ ކަަމަށް އެމްޑީޕީން ބުނެފައިވާއިރު، ދޮގު ހަދީސްތަކެއް ހުތުބާގައި ހިމެނި މައްސަލަ ވަނީ ފެންމަތިވެފައެވެ. އެ ވާހަކަތައް ފެންމަތިވެފައި ވަނިކޮށް، އިސްލާމިކް މިނިސްޓްރީން ވަނީ ހުކުރު ހުތުބާ އިން ބައެއް އުނިކޮށް، އިސްލާހުކޮށްފައެވެ.
ދީނާއި ގައުމިއްޔަތު ހިމާޔަތްކުރުމުގެ ނަމުގައި ސަރުކާރުގެ ކޯލިޝަނުން ބާއްވާ ޖަލްސާތަކުގައި ބައިވެރިނުވާ ނަމަ ދީނީ އިލްމުވެރިންނާ ގިޔާމަތްދުވަހުން ސުވާލުކުރެވޭނެ ކަމަށް ސަރުކާރުގެ ކޯލިޝަން ޕާޓްނަރު، އެމްޑީއޭގެ ނާއިބު ލީޑަރު އަލީ މައުރޫފް ވަނީ ވިދާޅުވެފައެވެ.