ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވަނިކޮށް، ގުޅިފައިވާ ޕާޓީތަކުން ބޮޑު މުޒާހަރާއެއް ބާއްވަން އުޅޭ ކަމުގެ ތުހުމަތުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ދެ މެމްބަރަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.
އެމްޑީޕީ ހަރުގެ ސަރަހައްދުގައި ބުރާސްފަތި ދުވަހުގެ ރޭ ގުޅިފައިވާ ޕާޓީތަކުން އެއްވުން ކުރިއަށް ދަނިކޮށް، ހައްޔަރުކޮށްފައި ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ރައީސް މޫސާ އަލި މަނިކު (މޫކޭ) އާއި އެމްޑީޕީ ތިމަރަފުށީ ދާއިރާގެ ރައީސް އަންވަރު އިބްރާހީމެވެ. އެ ދެ ބޭފުޅުން ހައްޔަރުކޮށްފައި ވަނީ އެމްޑީޕީގެ ހަރުގެ ސަރަހައްދުގައި ކުރިއަށްދާ އެއްވުމުގައި ބައިވެރިވެސް ނުވަނީހެވެ.
އެމްޑީޕީގެ ސެކްރެޓަރީ ޖެނަރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ އެމްޑީޕީގެ އިސް އެކްޓިވިސްޓުން ހައްޔަރު ކުރަނީ ބޮޑު މުޒާހަރާއެއް ހުކުރު ދުވަހު ބާއްވަން އުޅޭ ކަމަށް ތުހުމަތުކޮށް ކަމަށާއި ނަމަވެސް ހުކުރު ދުވަހު ބޮޑު މުޒާހަރާއެއް ނުބާއްވާނެކަން ފުލުހުންނަށް އަންގާފައިވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ވަރަށް އަވަހަށް ގުޅިފައިވާ ޕާޓީތަކުން ބޮޑު މުޒާހަރާއެއް ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށެވެ.
Maduvvari Dhaairaage Raees @VMookey Dine More Restaurant in SO Fuluhun bidi alhuvaigen hayyaru koggen gengosfi pic.twitter.com/RuYBiAJta4
— MDP Secretariat (@MDPSecretariat) February 15, 2018
ގުޅިފައިވާ ޕާޓީތަކުގެ ސްޕޯކްސްޕާސަން، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ވިދާޅުވީ ހުކުރު ދުވަހު ބާއްވާ އެއްވުމަކީ ބޮޑު އެއްވުމުގެ ކުރިން "ވޯމްއަޕް" ކުރުމަށް ބާއްވާ އެއްވުމެއް ކަމަށެވެ.
ގުޅިފައިވާ ޕާޓީތަކުން ހުކުރު ދުވަހު ބޮޑު އެއްވުމެއް ބާއްވަން އުޅޭ ކަމުގެ ޖާސޫސީ މައުލުމާތު ލިބިފައިވާ ކަމަށް ބުނެ، ފުލުހުންނާއި ސިފައިން ބުނެފައި ވަނީ ހުކުރު ދުވަހު ރާއްޖޭގެ އެއްވެސް ދިމާލެއްގައި އެއްވުމެއް ބޭއްވުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ. ބާއްވަން އުޅޭ އެއްވުމުގައި ގާނޫނާ ހިލާފު ކަންކަން ކުރުމަށް ރާވަމުންދާ ކަމަށާއި ގާނޫނާ ހިލާފު ކަންކަން ކުރުމަށް ފުރުސަތު ނުދޭނެ ކަމުގެ އިންޒާރު ފުލުހުންނާއި ސިފައިން ވަނީ ދީފައެވެ.
MDP activist Mohamed Moosa Rafeeu, Haruge kairin SO Fuluhun hayyaru koggen gengosfi pic.twitter.com/7h4pQNCRHJ
— MDP Secretariat (@MDPSecretariat) February 15, 2018