ފުލުހުންގެ ސީނީއަރ ޑިއުޓީ އޮފިސަރަށް ރައީސް މައުމޫން މިވަގުތު ހުންނެވި ތަނެއް ކަށަވަރު ކޮށްދެވިފައިނުވާ ކަމަށް ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވެއްޖެ އެވެ.
ގާނޫނީ ވަކީލު މައުމޫން ހަމީދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ، އަތޮޅުވެހީގައި ހުރި ފުލުހުންގެ ސީނިއަރ ޑިއުޓީ އޮފިސަރަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް، ހުންނެވިތަން ޔަގީން ކޮށް ނުދެއްވުނު ކަަމަށާއި އެމަނިކުފާނާއި ބައްދަލު ކުރުމަށްވެސް ފުރުސަތު ދިނުމަށް އިންކާރުކޮށްފައިވާ ކަމަށެވެ. ރައީސް މައުމޫންގެ ހާލުކޮޅު ރަގަޅުކަން ކަށަވަރު ކުރުމަށް ފުރުސަތު ދީފައިނުވާ އިރު އާއިލާއަށް ފޯނުން ވާހަކަފުޅު ދެއްކެވޭނެ ގޮތް ވެސް ހައްދަވައިފައިނުވާ ކަމަށް މައުމޫން ހަމީދު ވިދާޅުވި އެވެ.
.@PoliceMv senior duty officer at Atholhuvehi unable to disclose exactly where Pres. @maumoonagayoom is.
— Maumoon Hameed (@maanhameed) February 15, 2018
Reason? "Orders."
Police have also refused me permission to visit him & verify wellbeing. He is also being denied a phone call to family.
Is Raees Maumoon being punished?
މައުމޫން ހަމީދު ވަނީ، މިކަމުގެ ސަބަބަކީ ކޮބައިތޯ ސުވާލު ކުރައްވާފައެވެ. އަދި އޯޑަރެއް ތޯ ވަނީ އައްސަވާފަ އެވެ. އިތުރަށް މައުމޫން ހަމީދުގެ ޓްވީޓުގައި ވަނީ ރައީސް މައުމޫނަށް އަދަބެއް ދިނީތޯ ސުވާލު ކުރައްވާފަ އެެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަށް ފަހު ރައީސް މައުމޫން ވަނީ ހައްޔަރުކޮށްފަ އެވެ. ހައްޔަރު ކުރެއްވުމަށް ފަހު ދޫނިދޫ ޖަލުން މާފުށީ ޖަލަށް ބަދަލުކޮށްފައިވަނީ މިމަހުގެ އަށް ވަނަ ދުވަހު އެވެ.
އެއަށް ފަހު އަނެއްކާ ވެސް ބުރާސްފަތި ދުވަހު ރައީސް މައުމޫން ވަނީ ދޫނިދޫ ޖަލަށް ބަދަލުކޮށްފަ އެވެ.