ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންގެ ޤާނޫނީ ވަކީލް ހުސައިން ޝަމީމް މާދަމާ ރޭ ވެސް ފުލުސް އޮފީހަށް ހާޒިރުވާން ޖެހޭނެ ކަމަށް އަންގައިފިއެވެ.
މިރޭ 8 ޖެހިއިރު ފުލުސް އޮފީހަށް ހާޒިރު ވުމަށް ފަހު ނިކުމެވަޑައިގެން ރާއްޖެ އެމްވީއަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވި ގޮތުގައި ފުލުހުން ޝަމީމަށް ތުހުމަތު ކުރަނީ ޕްރެސް ކޮންފަރެންސެއްގައި ދެއްކި ވާހަކައެއްގައި ދޮގު މައުލޫމާތު ހިމެނޭ ކަމަށް ކަމަށް ބުނެ އެކަމެވެ. ހާޒިރު ކުރީ އެކަމާ ގުޅޭގޮތުން ސުވާލު ކުރަން ކަމަށާއި ނަމަވެސް ޤާނޫނީ ވަކީލަކާއެކުގައި ނޫނީ ޖަވާބުދެއްވަން ބޭނުން ނޫން ކަމަށް ދެންނެވުމުން މާދަމާރޭ ވެސް (ހުކުރު ދުވަހުގެރޭ) 8 ޖަހާއިރު ވަކީލަކާއެކު ހާޒިރުވުމަށް އަންގާފައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.
އެއީ ކޮން ވާހަކައެއްތޯ ދެންނެވުމުން ޝަމީމް ވިދާޅުވީ އެއީ ކޮންވާހަކައެއް ކަމެއް ހާމައެއް ނުކުރައްވާ ކަމަށާއި މާދަމާރޭ 8 ޖަހާއިރު ހާޒިރު ވުމަށް އެންގީ ކަމަށެވެ.
ޝަމީމްގެ ތަހުގީގް ކުރިއަށް ގެންދަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރެއިން ނޫން ކަމަށް ފުލުހުން ވިދާޅުވި ކަމަށާއި ނަމަވެސް ތަހުގީގް ކުރިއަށް ގެންދަނީ ޤާނޫނީ އުޤޫބާތާ އެއްގޮތަށް ނޫން ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި ތަހުގީގް ހިންގެވީ ސީދާ ޤާނޫނާ ޚިލާފަށް ކަމަށް ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ ފުލުހުން އެބުނާ ކަންކަމުގެ ގޮތުގައި ބެލެވެނީ ކަޅުފޮށީގެ ވާހަކައާއި ރައީސް ޔާމީނަށް އިލްހާމްވާ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކައާ ގުޅޭގޮތުން ދެއްކެވި ވާހަކަތައް ކަމަށެވެ.