ރާއްޖޭގެ އިގްތިސާދުގައި އާމްދަނީގެ ގޮތުންނާއި އިންވެސްޓްމެންޓްގެ ގޮތުން އެންމެ ބޮޑު ހިއްސާއެއް ކުރަނީ ފަތުރުވެރިކަމުގެ ސިނާއަތެވެ. ސަރުކާރަށް ލިބޭ އާމްދަނީއަށް ބަލާ އިރު ޖީޑީޕީގެ ނިސްބަތުން 23 ޕަސެންޓް ފަތުރުވެރިކަމުގެ ދާއިރާ ހިއްސާ ކުރާ އިރު، މިދިޔަ އަހަރު ހަމައެކަނި ބިމާއި ރިސޯޓްގެ ކުލީގެ ގޮތުގައި 2.3 ބިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފައެވެ.
އިންތިސާދުގެ އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރަނީ ފަތުރުވެރިކަން ކަމުގައިވާ އިރު ފަތުރުވެރިކަމުގެ ސިނާއަތަކީ ވަރަށް ނާޒުކު ސިނާއަތެކެވެ. ހަމަނުޖެހުންތަކާއި ހަލަބޮލިކަމުގެ ސަބަބުން މުޅި ފަތުރުވެރިކަމުގެ ދާއިރާއަށް އަސަރު ކުރާ އިރު އެކްސްޓާނަލް ޝޮކްތައް ނުވަތަ ދުނިޔޭގެ އެހެން ހިސާބުތަކަށް އަންނަ އިގްތިސާދީ ލޮޅުންތަކުގެ ސަބަބުން ވެސް ފަތުރުވެރިކަމަށް ވަރަށް ބޮޑު އަސަރެއް ކުރާނެ އެވެ.
ސުޕްރީމް ކޯޓުން މި ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ނެރުނު ހުކުމާ ގުޅިގެން ސިޔާސީ ގޮތުން ގައުމު ހަލަބޮލިވެގެންދިޔަ އެވެ. ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، އެތައް ސިޔާސީ ލީޑަރުންތަކެއް ހައްޔަރުކުރި އެވެ. "ކުއްލި ނުރައްކަލުގެ ހާލަތު" ނުވަތަ ސްޓޭޓް އޮފް އިމަރޖެންސީއަކީ އާންމު އުސޫލުތަކުން ބަލާ ނަމަ، ހަމަނުޖެހުންތައް އިތުރުވެ، މަގުތަކުގައި އާންމުންނަށް އަމާން ކަމާއެކު ނޫޅެވޭ ދަރަޖައަށް ކަންކަން ދިއުމުންނެވެ. މިއީ އާންމު ހާލަތަކަށް ނުވާ އިރު އެހެން ގައުމުތަކުން މި ހާލަތު ވަރަށް ސީރިއަސްކޮށް ނަގާނެ އެވެ. މިކަމުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރާނީ ފަތުރުވެރިވަކަމުގެ ސިނާއަތަށެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުގެ ސަބަބުން ރާއްޖެއަށް އިންވެސްޓްމެންޓްތައް އައުން މަދުވެ ފަތުރުވެރިން ރާއްޖެއަށް އަންނަ މިންވަރު ވަރަށް ބޮޑުތަން ދަށް ވެގެންދާނެ ކަމަށް މަޝްހޫރު ކްރެޑިޓް ރޭޓިންގ އޭޖެންސީ މޫޑީސް އިން ވަނީ ބުނެފައިވެ އެވެ.
މީގެ ނަތީޖާއެއްގެ ގޮތުން މުޅި އިގްތިސާދުގެ ކުރިއެރުން 4.5 ޕަސެންޓަށް ދަށް ވެގެންދާނެ ކަމަށް ލަފާކޮށްފައިވެ އެވެ. މިދިޔަ 2017 ވަނަ އަހަރު ރާއްޖޭގެ އިގްތިސާދު ކުރި އަރާފައިވަނީ 6.2 ޕަސެންޓަށެވެ.
މިއީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރި ދެ ވަނަ ފަހަރެވެ. އެންމެ ފުރަތަމަ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވަނީ 2015 ވަނަ އަހަރު އެވެ. އެއަހަރުގައި ވެސް މުޅި އިގްތިސާދުގެ ކުރިއެރުން 2.8 ޕަސެންޓަށް މަޑުޖެހިލި އެވެ.
ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ގިނަ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކޮށް، ފަތުރުވެރިން އަންނަ ވަރު ވަރަށް ބޮޑުތަން ދައްވަމުންދާ ކަން ފާހަގަކޮށްފަ އެވެ.
ބައެއް އޭޖެންސީތަކުން ބުނީ، ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން، ރިސޯޓްތަކުގެ ބުކިން 50 ޕަސެންޓް ދަށަށް ދާނެ ކަމަށް ބެލެވޭ ކަމަށާއި އާންމުކޮށް، ގާތްގަނޑަކަށް ބުކިން ހެއްދުމަށް 30 ނުވަތަ 50 ކޯލް ލިބޭ އިރު ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ބުކިން ހެއްދުމަށް އެއްވެސް މީހަކު ނުގުޅާ ދުވަސްތައް ވެސް ހިމެނޭ ކަމަށެވެ.
ފަތުރުވެރިކަމުގެ ތަފާސް ހިސާބުތަކަށް ބަލައިލާއިރު މިދިޔަ ޑިސެމްބަރު މަހު ރާއްޖެއަށް ވަނީ 143041 ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ. މިއީ 2016 ވަނަ އަހަރާއި އަޅާ ބަލާ އިރު ގާތްގަނޑަކަށް 20000 ގެ އިތުރުވުމެކެވެ. މީގެ އިތުރުން 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި ރާއްޖެއަށް ވަނީ 44676 ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ. އެހެން ނަމަވެސް މިއަހަރު މިއަދަދުގެ ދެބައިކުޅަ އެއްބައި ވެސް ލިބޭނެ ކަމާ މެދު ވެސް ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.
މޫޑީސް އިން ރާއްޖޭގެ މިހާރުގެ ހާލަތާއި ގުޅިގެން ކްރެޑިޓް ނެގެޓިވް އެއް ދީފައިވާ އިރު މިއީ މިއަދު ވިސްނާލަންޖެހޭ ކަމެކެވެ. އަމިއްލަ ވަކި މަންފާތަކެއް ހާސިލު ކުރުމަށްޓަކާއި ސިޔާސީ ފަރާތްތަކުން ނިންމާ ނިންމުންތަކުގެ ސަބަބުން އިގްތިސާދު ހީނަރުވެ، ދައުލަތަށް ލިބޭ އާމްދަނީ ދަށްވުމަށް ވަނީ މަގުފަހިވެފަ އެވެ. ހާއްސަކޮށް މިދުވަސްވަރަކީ މި ސިނާއަތުގައި އެންމެ އޮކިއުޕެންސީ ރަގަޅު ދުވަސް ވަރަކަށްވާ އިރު ގިނަ ބުކިންގ ތަކެއް ކެންސަލްވުމުން އާމްދަނީ އިންތިހާއަށް ދައްވެގެންދާނެ ކަމަށް ފަތުރުވެރިކަމުގެ ދާއިރާގައި އިސް ސަފުގައި މަސައްކަތް ކުރާ ފަރާތްތައް ދަނީ ބުނަމުންނެވެ. ތަރައްގީގެ މަސައްކަތްތައް ހުއްޓި، ދައުލަތުގެ ހިންގުމަށް އަސަރުކޮށް، އެންމެ ފަހުން މިކަމުގެ ހަގީގީ ގެއްލުން ކުރާނެ ބަޔަކީ ދިވެހި ރައްޔިތުންނެވެ.