މިހާރު ބަންދުކޮށްފައިވާ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދު ﷲ ސައިދާ ރައީސް ޔާމީންގެ މަންދޫބެއް ކަމަށް ވިދާޅުވެ ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ބައްދަލު ކުރައްވާފައި ވަނީ އުއްތަމަ ފަނޑިޔާރަށް ބިރުދައްކައި މައްސަލައަށް ނުފޫޒް ފޯރުވުމަށް ކަމަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލުން ވިދާޅުވެއްޖެއެވެ.
ޤާނޫނީ ވަކީލުންގެ ޓީމުން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ޤާނޫނުއަސާސީއާ ޚިލާފަށް ޣައިރު ޤާނޫނީ ބަންދެއްގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެދަށުގައި ވަނިކޮށް، "ދަޢުލަތުގެ ފަރާތުން" އެމަނިކުފާނާ ބައްދަލުކުރައްވަން ބޭފުޅަކު ހުންނެވި ކަމަށް ވިދާޅުވެ، އެމަނިކުފާނު ހުންނެވި ގޮޅިން ނެރެގެން14 ފެބްރުއަރީ 2018 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒުވަނީ އެމަނިކުފާނާ ބައްދަލުކުރައްވާފައި ކަމަށެވެ. އަދި "ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެއްގެ ގޮތުން" ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު ޖަލުގައި ބައްދަލުކުރެއްވި ކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒުވެސް ވަނީ އާންމުކޮށް ވިދާޅުވެފައެވެ.
އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ސަޢީދު އެމަނިކުފާނުގެ ޤާނޫނީ ވަކީލުންނަށް މަޢުލޫމާތު ދެއްވިގޮތުގައި އެމަނިކުފާނާ މެދު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ކަސްޓޯޑިއަލް ސެންޓަރުގެ ގަވާއިދުތަކާ އެއްގޮތަށް ރަނގަޅަށް ޢަމަލުކުރާވާހަކަ އެއްވެސް ބޭފުޅެއްގެ އަރިހުގައި ވިދާޅުވެފައެއް ނުވާނެ ކަމަށާއި އަދި އެމަނިކުފާނު ބަހައްޓާފައި ހުރީ އިންސާނުން ބަހައްޓަން އެކަށީގެންވާ ފަދަތަނެއްގައި ނޫންކަމުގައި ރައީސް ޔާމީންގެ ވަޒީރަށް ދަންނަވާފައިވާނެ ކަމަށް އެމަނިކުފާނު މަޢުލޫމާތުދެއްވި ކަމުގައި އެބަޔާނުގައި ވެއެވެ. މީގެ އިތުރުން، އިއްޔެގެ ވަގުތެއްގައި ހިއުމަން ރައިޓްސް ކޮމިޝަންގެ ބޭފުޅުން ވެސް އެމަނިކުފާނާ ބައްދަލު ކުރެއްވި ކަމަށާއި، އެބޭފުޅުންނަށް ވެސް އެމަނިކުފާނާމެދު ކަންތައްތައް ކުރެވޭގޮތުގެ ތަފްޞީލް ކިޔާދެއްވާފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށް ބަޔާނުގައި ވެއެވެ.
މީގެ އިތުރުން، އިއްޔެގެ ވަގުތެއްގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ސަޢީދަށް އަންގާފައި ވަނީ، ގަވާއިދުގެ ދަށުން ދުވާލަކު އެއްފަހަރު އެމަނިކުފާނަށް ގޮޅިން ބޭރުގައި ކަސްރަތު ކުރުމަށް ލިބިވަޑައިގަންނަވާ ފުރުޞަތުގެ ބޭނުން އެމަނިކުފާނު ކުރައްވާނަމަ، އެމަނިކުފާނު ގޮޅިން ނެރެވޭނީ ފުރަގަހަށް ބިޑި އަޅުވައިގެން ކަމަށް ވަކީލުންގެ ބަޔާނުގައި ވެއެވެ.
ޤާނޫނީ ވަކީލުން ވިދާޅުވެފައި ވަނީ ރައީސް ޔާމީންގެ ސަރުކާރުން އިޢުލާނު ކޮށްގެން އުޅޭ ކުއްލި ނުރައްކަލުގެ ޚާލަތު އިޢުލާނު ކުރުމަށް ފަހު ޤާނޫނީ ވަކީލުގެ އެހީތެރިކަން ލިބިދެވޭނެ އުޞޫލަށް މޯލްޑިސް ޕޮލިސް ސަރވިސްއިން ކުއްލި ބަދަލުތަކެއް ގެނެސް، އެވަކީލުންގެ މުވައްކިލަށް ޤާނޫނީ ވަކީލުންގެ އެހީތެރިކަން ލިބޭނީ މުވައްކިލުގެ ފަރާތުން އެދިއްޖެ ޙާލަތެއްގައި، ދުވާލަކު 30 މިނިޓަށް ކަމަށް މޯލްޑިވސް ޕޮލިސް ސަރވިސްއިން އަންގާފައިވާ ކަމަށެވެ. އަދި ބަންދު ކޮށްފައިވާ މީހުންނަށް ޤާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤަކީ ކުއްލިނުރައްކަލުގެ ޚާލަތު އިޢުލާނު ކޮށްފައިވާ ވަގުތެއްގައި ވެސް ހަނިކުރެވޭނޭ ނުވަތަ ހިފެހެއްޓޭނޭ ޙައްޤެއްނޫން ކަމަށާއި އެއީ މޯލްޑިސް ޕޮލިސް ސަރވިސްގެ ފަރާތުން ކަނޑައެޅިގެން ޤާނޫނުއަސާސީއާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
މީގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިގޮތަށް ޢަމަލު ކުރަމުން ގެންދަނީ ބަންދު ކޮށްފައިވާ ބޭފުޅުންނާ ޤާނޫނީ ވަކީލުންނާ ބައްދަލުވުމަށް ހުރަސްއަޅައި، އެ ބޭފުޅުންގެ މައްސަލަތަކާ ގުޅިގެން ފުލުހުން އާންމުކުރެވޭ މަސައްކަތްތަކުގެ މަޢުލޫމާތު ލިބުނަ ނުދީ، އެ ބޭފުޅުން ނަފްސާނީ ގޮތުން ބަލިކުރުމުގެ މަޤުސަދުގައި ކަމަށް ދެކޭ ކަމަށް ވަކީލުން ވަނީ ވިދާޅުވެފައެވެ.
އަދި އެހެން އެކަން އޮތްއިރު، ރައީސުލްޖުމްހޫރިއްޔާގެ މަންދޫބުން ފޮނުވައިގެން، އެބޭފުޅުންގެ މުވައްކިލުންނާ ބައްދަލުކުރަމުން ގެންދަނީ ކުރެވެމުންދާ ތަޙުޤީޤަށް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ވާހަކަ ދެއްކުވުމަށް އެ ބޭފުޅުންނަށް ބާރު އެޅުމުގެ އިތުރުން ދުނިޔެއަށް މަންޒަރު ދެއްކުމުގެ ގޮތުން ކަމަށް ޤަބޫލް ކުރެވޭ ކަމަށް ވަކީލުން ވަނީ ވިދާޅުވެފައެވެ. އަދި، އުއްތަމަ ފަނޑިޔާރު ދެކިވަޑައިގަންނަވާގޮތުގައި، ރައީސް ޔާމިންގެ މިނިސްޓަރު އެމަނިކުފާނާ ބައްދަލުރައްވާފައި ވަނީ އެއްވެސް އިޚްލާޞްތެރި މަޤްޞަދެއް އޮވެގެނެތްނޫން ކަމަށްވެސް ވަކީލުންގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ވަކީލުން ވިދާޅުވީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށުގައި ބަންދުކޮށްފައި ހުންނެވި އެވަކީލުންގެ މުވައްކިލު ދިވެއްހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ސަޢީދާ އެއްވެސް ފަރާތަކުން ބައްދަލުކުރާނަމަ، އެކަން އެބޭފުޅުންނަށް އެންގުމަށާއި، އެފަދަ ބައްދަލުވުންތައް ޤާނޫނީ ވަކީލުންގެ ހާޒިރުގައި މެނުވީ ކުރިއަށް ނުގެންދެވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ގޮވާލާ ކަމަށެވެ.