ހުކުރު ދުވަހު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ އެއްވުމަކީ ބޮޑު އެއްވުމެއް ނޫން ކަމަށާ، ދިވެހި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ އެއްވުމަކީ "ވޯމަޕް އެއްވުމެއް" ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނެފިއެވެ.
ހުކުރު ދުވަހު ބާއްވާ އެއްވުން ކުރިއަށް ގެންދަން ސަލާމަތީ ބާރުތަކުން ފުރުސަތު ނުދޭނެ ކަމަށް ބުނެފައި ވަނިކޮށް ބުރާސްފަތި ދުވަހު ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގަލޮޅު ދެނުކު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވީ ހުކުރު ދުވަހު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ އެއްވުމަކީ ބޮޑު އެއްވުމެއް ނޫން ކަމަށެވެ. އެހެން ނަމަވެސް ހުކުރު ދުވަހު ބާއްވާ އެއްވުމަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ ބޮޑު އެއްވުމަށް ތާއްޔާރުވުމުގެ ގޮތުން ބާއްވާ "ވޯމަޕް އެއްވުމެއް" ކަމަށާއި މާލެ އާއި އަތޮޅުތެރޭގައި ހުކުރު ދުވަހު ބާއްވާ އެއްވުމުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް މަހުލޫފް ވަނީ ގޮވާލައްވައިފައެވެ.
ހުކުރު ދުވަހުގެ އެއްވުމަކީ ރާއްޖޭގެ ހަމަޖެހުން ނަގާލުމަށް ބާއްވާ އެއްވުމެއް ކަމަށާއި އެއްވުމުގައި ބައިވެރިވުމަށް އަތޮޅުތެރޭގައި ދިރިއުޅޭ ރައްޔިތުން މާލެ ނޭރުމަށް ސަލާމަތީ ބާރުތަކުން ވަނީ އިލްތިމާސް ކޮށްފައެވެ. ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ ރަށްރަށުން މީހުން މާލެ އައުމަށް ގޮވާލައި، ހަމަނުޖެހުމަށް ހިތްވަރުދޭ ފަރާތްތަކާ މެދު ފުލުހުން ގާނޫނީ ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ.
ގާނޫނު އަސާސީގެ 274 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ރައްޔިތުންނަން ލިބިދޭ ގާނޫނީ ހައްގުތައް ބޭނުންކޮށްގެން އެކި ކަންކަމަށް ތާއިދު ކުރުމަށް ނުވަތަ އިންކާރު ކުރުމަށް ގާނޫނާ ހިލާފްނުވެ ހިންގާ ސުލްހަވެރި ހަރަކާތަކަކީ ގައުމީ ސަލާމަތަށް ނުރައްކާވުންކަމުގައި ނުބެލެވެއެވެ. ގާނޫނު އަސާސީގައި ގައުމީ ސަލާމަތަށް ނުރައްކާވުން މާނަކޮށްފައިވާ ގޮތުން ކުއްލި ނުރައްކަމުގެ ހާލަތުގައި ވެސް ސުލްހަވެރި ހަރަކާތްތަކަށް ފުރުޝަތު ދޭންޖެހެއެވެ. އެހެން ނަމަވެސް ހުކުރު ދުވަހު ބާއްވަން ނިންމާފައިވާ އެއްވުމާ ގުޅިގެން ފުލުހުން ބުނީ ގާނޫނީ އަސާސީގައި އެގޮތަށް ބަޔާން ކޮށްފައި ވީނަމަވެސް އެއްވުން ކުރިއަށް ގެންދަން ފުރުޝަތު ނުދޭނެ ކަމަށެވެ.