ގުޅިފައިވާ ޕާޓީތަކުން ހުކުރު ދުވަހު މާލެއާއި އަތޮޅުތަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެއްވުމަކީ ސުލްހަވެރި އެއްވުމެއް ކަމަކަށް ނުބެލެވޭ ކަމަށާއި އެއްވާން ފުރުސަތު ނުދީ ހުއްޓުވާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ނޫސްވެރިން ބައިތިއްބައިގެން ފުލުހުންދޭ ބަޔާނެއްގެ ގޮތުގައި ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ބުރާސްފަތި ދުވަހު ހަވީރު ވިދާޅުވީ ބައެއް ފަރާތްތަކުން ފާޅުގައާއި ސޯޝަލް މީޑިޔާގައި ދައްކަމުންދާ ވާހަކަތަކުން އެނގޭ ގޮތުގައި އަދި ފުލުހުންނަށް އިންޓަލިޖެންސުން ލިބޭ މައުލޫމާތައް ބަލާއިރު މާދަމާ (ހުކުރު ދުވަހު) ބާއްވަން އުޅޭ އެއްވުމަކީ ސުލްހަވެރި އެއްވުމެއް ކަމަށް ބެލެވެން ނެތް ކަމަށެވެ. އަދި އެ އެއްވުމަކީ ޤާނޫނާ ޚިލާފަށް އެއްވާ އެއްވުމެއް ކަމަށާއި ހަމަ ނުޖެހުން ހިންގައި ސަލާމަތީ ޚިދުމަތްތަކާ ކުރިމަތިލައި ޤައުމުގައި އޮތް ހަމަޖެހުން ނަގާލުމަށް އެއްވާ އެއްވުމެއް ކަމަށެވެ.
ޝިފާން ވިދާޅުވީ މާދަމާގެ އެއްވުމަށް ފުރުސަތު ނުދެއްވާނެ ކަމަށާއި އެއެއްވުމުގައި އެއްވެސް ފަރާތަކުން ބައިވެރި ނުވުމަށް ގޮވާލާ ކަމަށެވެ. އަދި އެއްވުމުން ހުއްޓުވުމަށްޓަކައި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއްވެސް ފުލުހުން އަޅާނެ ކަމަށާއި އެކަމަށްޓަކައި ފުލުހުންނަށް ލިބިދޭ އެންމެ މަތީ ބާރުގެ ބޭނުންވެސް ކުރައްވާނެ ކަމަށް ޝިފާން ވިދާޅުވިއެވެ.
ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާ މިހަފުތާގެ ތެރޭގައި އައްޑޫގައި ހިނގި އަލިފާނުގެ ހާދިސާއަށް އިޝާރާތް ކުރައްވާ ޝިފާން ވިދާޅުވީ އެއީވެސް މިހިނގާ އެއްވުންތަކާ ގުޅުން ހުރި ކަންކަން ކަމަށާއި ބޭނުމަކީ ޤައުމު ހަމަނުޖެހުމެއްގެ ތެރެއަށް ވައްޓާލުން ކަމަށެވެ.