ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސްޕްރީމް ކޯޓުން ކުރި އަމުރާއި ގުޅިގެން ގައުމު ސިޔާސީ މަޝްރަހާއި ގުޅޭގޮތުން ސިޔާސީ ޕާޓީތަކާއި އެކު ކުރާ މަސްވަރާގައި މެދުވެރިއަކަށް އދ ހަމަޖައްސަވާނަމަ އެ މަޝްވަރާ ބައްދަލުވުންތަކުގައި ވެރިކަން ކުރާ ޕާޓީ ޕީޕީއެމުން ބައިވެރިނުޥާނެ ކަމަށް އެޕާޓީން ބުނެފިއެވެ.
ޕީޕީއެމް އޮފީހުގައި ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ނައިބް ލީޑަރ އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ސިޔާސީ ޕާޓީތަކާއި އެކު މަސްވަރާ ކުރުމަށް ސަރުކާރުން ގޮވާލި ގޮވާލުމަށް ތާއީދު ކުރާ ކަމަށާއި އެއްވެސް ޝަރުތަކާއި ނުލައި މަޝްވަރާގައި ބައިވެރިވުމަށް ޕީޕީއެމުން އޮތީ ތައްޔާރަށް ކަމަށެވެ. އެހެން ނަމަވެސް މަޝްވަރާގައި އދ މެދުވެރިޔަކަށް ހެދުމަށާއި ސްޕްރީމް ކޯޓުން ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ކުރި ހުކުމް ތަންފީޒުކޮށް މި ވަގުތު ހައްޔަރުގައި ތިބި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު މިނިވަން ކުރުމަށް ޕީޕީއެމުން ދެކޮޅު ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިތިބީ އެއްވެސް ސަރުތަކާއި ނުލައި ސިޔާސީ ޕާޓީތަކާއި އެކު މަޝްވަރާ ކުރަން ތައްޔާރަށް، އެހެން ނަމަވެސް އަޅުގަނޑުމެން ސަރުކާރަށް ގޮވާލަށް ގާނޫނާއި ހިލާފަށް އެއްވެސް ކަމެއް ނުކުރައްވާށޭ، ގާނޫނީ އިމުގެ ތެރެއިން މިހާރު ތިޔަ ގެންދަވާ ގޮތަށް ގެންދަވާށޭ، ހައްޔަރުކޮށްފައި ތިބި އެއްވެސް މީހަކު ވަކި ބަޔަކު ބުނެގެން، ވަކި ބައެއްގެ މަގުސަދު ހާސިލް ކުރުމަށްޓަކައި ގާނޫނީ އިމުގެ ބޭރުން ދޫކޮށް ނުލައްވާށޭ، އަޅުގަނޑުމެންނަން ޔަގީންކަން އެބައޮތް ދޫކޮށް ނުލައްވާނެކަން" ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވަނީ ޕީޕީއެމްގެ ފަރާތުން ދިވެހި ރާއްޖޭގައި އުފެދިފައި މިވާ ދާހިލީ މައްސަލަ ހައްލުކުރަން ބޭރުގެ ފަރާތްތައް ބައިވެރިނުކުރުމަށް ސަރުކާރަށް ގޮވާލައްވާފައެވެ. ދިވެހި ގައުމުގައި އުފެދިފައިވާ ސިޔާސީ ހަލަބޮލިކަން ދިވެހިންނަން ހައްލުކުރެވޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.