ރާއްޖެޓީވީއަށް މިވަގުތު ދިމާވަމުންދާ ގޮންޖެހުންތަކާ ގުޅިގެން ސްޓޭޝަން ދޭންޖެހޭ ރައްކާތެރިކަމާއި ފިޔަވަޅު އެޅުމުގައި އަމަލުކުރަމުންދާ އުސޫލުތަކާ ގުޅޭގޮތުން ރާއްޖެޓީވީން ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އާ މަޝްވަރާ ކޮށްފިއެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުގައި ބުރާސްފަތި ދުވަހު އޮތް ބައްދަލުވުމުގައި ރާއްޖެޓީވީން ވަނީ ސްޓޭޝަނަށް ދިމާވާ ގޮންޖެހުންތަކާއި ކަންބޮޑުވުންތައް އެ ކޮމިޝަނާ ހިއްސާކޮށްފަ އެވެ. އެ ބައްދަލުވުމުގައި ރާއްޖެޓީވީން ވަނީ ސްޓޭޝަން ބަންދު ކުރުމާ ގުޅޭ ގޮތުން އެމްއެންޑީއެފަށް ބާރުތަކެއް ދިނުމާ ގުޅޭ ގޮތުން ކޮމިޝަނުން ނިންމުމެއް ނިންމާފައިވާނެތޯ ސުވާލު ކޮށްފައެވެ. އަދި ރާއްޖެޓީވީއަށް އެކިފަރާތްތްތަކުން ދެމުންދާ އިންޒާރުތައް ކޮމިޝަނާ ހިއްސާކޮށްފައިވެއެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު އަސްލަމް ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމުގައި އެމްއެންޑީއެފްއަށް ފޮނުވި ސިޓީއާއި ގުޅިގެން ރާއްޖެޓީވީން ކުރިމަތިކުރި އެ ސުވާލަށް ސީދާ ޖަވާބެއް ދެއްވާފައެއް ނުވެއެވެ. އޭނާ ވިދާޅުވީ އެފަދަ ކަމަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށާއި އެ މަޝްވަރާތަކުގެ ބައްދަލުވުން ދޫކުރައްވައި އޭނާ ވަޑައިގެންނެވި ކަމަށެވެ. އެ ބައްދަލުވުން ދޫކުރައްވައި އަސްލަމް ވަޑައިގެންނެވި ސަބަބާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ ރާއްޖެޓީވީ ބަންދު ކުރުމުގެ ބާރު އެމްއެންޑީއެފަށް ދިނުމަކީ ކޮމިޝަނަށް ލިބިގެންވާ ބާރެއް އެހެން ބަޔަކަށް ދިނުން ކަމަށެވެ. އެފަދަ ބާރެއް އެމްއެންޑީއެފަށް ދިނުމަކީ ގަބޫލުކުރެވޭ ކަމަކަށް ނުވާތީ ބައްދަލުވުން ދޫކުރައްވައި ވަޑައިގެންނެވީ ކަމަށް އަސްލަމް ވިދާޅުވިއެވެ.
އެ ބައްދަލުވުމުގައި ރާއްޖެޓީވީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޗީފް އޮޕަރޭޓިން އޮފިސަރ (ސީއީއޯ) ހުސައިން ފިޔާޒު މޫސާ އާއި ނިއުސް ޑައިރެކްޓަރު ހުޝާމް މުހައްމަދާއި ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމެވެ. އަސްލަމްގެ އިތުރުން ބްރޯޑްކާސްޓިން ކޮމިޝަންގެ ފަރާތުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ އެ ކޮމިޝަންގެ ސެކަރެޓަރީ ޖެނަރަލާއި ގާނޫނީ ވަކީލެވެ.
އެ ބައްދަލުވުމުގައި ރާއްޖެޓީވީން ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހެޅި ކަންބޮޑުވުންތައް ދެން ބާއްވާ އެ ކޮމިޝަންގެ ބައްދަލުވުމަކަށް ހުށަހަޅުއްވާނެ ކަމަށް، އެ ކޮމިޝަނުން ވަނީ ބުނެފައެވެ.