މަޖިލީހުގެ މެންބަރުން މަޖިލީހަށް ވަނުމަށް ފުލުހުން ހުރަސް އެޅުމުގެ ތެރޭގައި ބައެއް މެންބަރުންނަށް އަނިޔާވެއްޖެއެވެ.
އިދިކޮޅު ކޯލިޝަންގެ ބައެއް މެމްބަރުން މިއަދު މެންދުރު އެކެއް ޖަހަން އުޅެނިކޮށް، މަޖިލީހުގެ އިދާރާ އަށް ވަދެވަޑައިގަންނަވަން އުޅުއްވުމުން، އަލޯރާ ކަންމަތިން ފުލުހުން ވަނީ މެންބަރުންނަށް ހުރަސްއަޅައިފައެވެ. އަދި ބައެއް މެމްބަރުން މަޖިލީހުގެ އިދާރާއަށް ވެންނެވުމަށް މަސައްކަތް ކުރެއްވުމުން ފުލުހުން އެބޭފުޅުން ފަހަަތަށް ޖެއްސުމުގެ ތެރޭގައި ބައެއް މެމްބަރުންނަށް އަނިޔާވެގެން ބިންމައްޗަށް ވެއްޓުނެވެ. އޭގެ ތެރެއިން، ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދާއި ތޮއްޑޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަސަނަށް އަނިޔާވެގެން އޭޑީކޭ ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.
މެންބަރުން ދުރަށް ޖެއްސި މަންޒަރު ނަގަން މަސައްކަތްކުރި ކެމެރާމަނުންނާއި ނޫސްވެރިންނަށް ވެސް ފުލުހުން ވަނީ ހުރަސް އަޅާފައެވެ. އަދި ރާއްޖެޓީވީގެ ރިޕޯޓަރު މިއުވާން މުހައްމަދު ހައްޔަރު ވެސް ކުރިއެވެ ނަމަވެސް ފަހުން ވަނީ ދޫކޮށްލާފައެވެ.
މަޖިލީހުގެ އިދާރާއަށް ވެންނެވުމަށް މެންބަރުން ކުރައްވާ މަސައްކަތުގައި ބައެއް މެންބަރުން އިއްޔެ ވެސް ވަނީ މަޖިލީހުގެ އިމާރާތުގެ ތެރެއަށް ވެންނެވުމުން މެންބަރުއްތައް ނަގާ މަޖިލިސް ގޭޓު މަތީން އުކާލާފައެވެ.
މަޖިލީހުގެ މި އަހަރުގެ ޖަލްސާތައް ފެށުން ލަސްވާ ސަބަބު ހޯދުމަށް މަޖިލީހުގެ އިދާރާ އަށް ވަދެވަޑައިގަތުމަށް މިދިޔަ ތިން ދުވަހު ވެސް އިދިކޮޅު މެމްބަރުން ވަނީ މަސައްކަތް ކުރައްވާފައެވެ. ނަމަވެސް އެ މެމްބަރުންނަށް ސިފައިންނާއި ފުލުހުން ކޮންމެ ދުވަހަކު ވެސް ދަނީ ހުރަސްއަޅަމުންނެވެ.