އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ދުކޮށްނުލާ މިސަރުކާރަށް ދެއްކޭނެ އެއްވެސް ހުއްޖަތެއް ނޯންނާނެ ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.
އަދާލަތު ޕާޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ނައިބުރައީސް އަލީ ޒާހިރު ވިދާޅުވީ މުޅި ދުނިޔެއިން މިވަނީ ސަރުކާރަށް ފިއްތުންތައް ކުރިމަތިވެފައި ކަމަށެވެ. އަދި އިމްރާން ދޫކޮށް ނުލުމަށް ސަރުކާރަށް ދެއްކޭނެ އެއްވެސް ހުއްޖަތެއް ނެތް ކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ. "އެއީ ރާއްޖެ އެމުއާހަދާއެއްގައި ސޮއި ކޮށް އަމަލު ކުރުމަށް އެއްބަސް ވެފައިވާ މާއްދާތައް ހިމެނޭ ބައިތަކުގެ ވާހަކަ. އެހެންކަމުން ސަރުކާރަށް އޮތް އުޒުރެއް ނޫން އެއީ މިބާވަތުގެ ނިންމުންތަކަށް ފާޑުކިޔުން އެއީ." އަލީ ޒާހިރު ވިދާޅުވިއެވެ.
އިމްރާން ޖަލަށް ލާފައި ވަނީ ނުހައްގުން ކަމަށާއި އެހެންކަމުން މިހާރުން މިހާރަށް އެމިނިކުފާނު ދޫކޮށްލުމަށް އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ނިންމި ނިންމުމާއި އެއްގޮތަށް އިމްރާން ވަގުތުން ދޫކޮށްލުމަށް އަލީ ޒާހިރު ވަނީ ގޮވާލާފައެވެ.
އަލީ ޒާހިރު ވިދާޅުވީ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު ހުކުމަށް ފަހު އިމްރާނާއި އެއްވެސް ވަކީލަކަށް ބައްދަލު ނުކުރެވޭ ކަމަށެވެ.
އަލީ ޒާހިރު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގެ އެއްވެސް ހައިސިއްޔަތެއް ނެތް ކަމަށާއި އެމަނިކުފާނު ވެރިކަމުން ދުރުކުރުމަށް ގާނޫނީ އިމުގެ ތެރެއިން ކުރަންޖެހޭ ކޮންމެ ކަމެއް އަދާލަތު ޕާޓީއިން ކުރާނެ ކަމަށެވެ.
އެ ގްރޫޕުން ނިންމި ނިންމުމުގައި ވަނީ ޝެއިހް އިމްރާން ބަންދުކުރެވިފައި ވަނީ ނުހައްގުން ކަމަށާއި މި މައްސަލައިގައި ޔުނިވާސަލް ޑިކްލެރޭޝަން އޮފް ހިއުމަން ރައިޓްސްގެ އެތަކެއް މާއްދާތަކާ ސަރުކާރުން ހިލާފުވެފައިވާ ކަމަށެވެ. އެހެން ކަމުން ވީ އެންމެ އަވަހަށް ޝެއިހް އިމްރާން ޖަލުން މިނިވަން ކުރުމަށާއި އެމަނިކުފާނު ޖަލަށް ލެވުމުގެ ސަބަބުން ލިބިވަޑައިގެންނެވި ގެއްލުމުގެ ބަދަލު ދިނުމަށް ވެސް ދިވެހި ސަރުކާރަށް ވަނީ ގޮވާލާފައެވެ.
ޝެއިޚް އިމްރާންގެ މައްޗަށް ޓެރަރިޒަމުގެ ކުށުގައި 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ، 2015 ވަނަ އަހަރުގެ މެއި 1 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ބުނެއެވެ.