ދިވެހިރާއްޖެ އިން ޓީބީ ނައްތާލުމުގެ ގައުމީ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހު ކޮށްފިއެވެ.
ޓީބީ ނައްތާލުމުގެ ގައުމީ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހު ކޮށްދެއްވީ ބުރާސްފަތި ދުވަހު ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ ކައިރި މާޒީގައި ރާއްޖެ އިން ބޮޑެތި ބަލިތައް ނައްތާލެވުނީ ސަރުކާރުން ރާއްޖޭގެ ސިއްހީ ނިޒާމަށް ގެނައި މުހިންމު ހެޔޮ ބަދަލުތަކުގެ ސަބަބުން ކަމަށެވެ. އަދި މި އިފްތިތާހު ކުރެވުނު ޕްލޭނަކީ ދިވެހި ރައްޔިތުންނަށް ދުޅަހެޔޮ ސިއްހީ ނިޒާމެއް ފޯރުކޮށްދިނުމަށް މިއަދުގެ ސަރުކާރުން ކުރަމުންދާ މަސައްކަތަށް އިތުރު ކުރެވުނު ބޮޅެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ 2015 ވަނަ އަހަރު ރާއްޖެ އިން މެލޭރިއާ ނައްތާލައި، 2016 ވަނަ އަހަރު ފައިލޭރިއާ އަދި މިދިޔަ އަހަރު ހިމަބިހި ނައްތާލެވިފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުން މިއަހަރު މަސައްކަތްކުރަމުން ދަނީ މައިންގެ ކިބައިން ދަރިންނަށް ޖެހޭ އެޗްއައިވީ ނައްތާލުމަށް ކަމަށެވެ.
ޓީބީ ނައްތާލުމުގެ ގައުމީ ކެމްޕެއިނަށް 170 މިލިއަން ރުފިޔާ ހަރަދު ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ސިއްހީ ދާއިރާގެ ތަފާސްހިސާބުތަކަށް ބަލާއިރު އަހަރަކު 150 އާއި 200 އާ ދެމެދުގެ އަދަދަކަށް ކޮންމެ އަހަރަކު ވެސް ޓީބީ ޖެހިގެން މީހުން ރިޕޯޓް ކުރެއެވެ.
މި ކެމްޕެއިންގެ ދަށުން ޓީބީ ބަލީގެ މީހުންނަށް ހާއްސަ ސަމާލުކަމެއް ދީ ފަރުވާ ދިނުމާއި ބަލި ޖެހުން ގާތް މީހުން ގަވާއިދުން ބައްޔަށް ސްކްރީންކޮށް، ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް އަހުލުވެރިކޮށް ހޭލުންތެރިކަން އިތުރުކުރަން މަސައްކަތް ކުރުމަށް ވަނީ ރާވާފައެވެ.
މި ޕްލޭންގެ ދަށުން ޓީބީ އިންޑިކޭޓު ރޭޓް 50 ޕަސެންޓަށް ދަށްކޮށް 2022 އަންނަންވާއިރަށް ޓީބީ ބަލީގައި މަރުވާ މީހުންގެ އަދަދު 2017 އާ އަޅާ ބަލާއިރު 75 ޕަސެންޓަށް ދަށްކުރަން މަސައްކަތް ކުރާނެއެވެ.