ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު މުހައްމަދު ނަޝީދު ބުރާސްފަތި ދުވަހު އިންޑިއާއަށް ވަޑައިގަންނަވާނެއެވެ.
ރައީސް ނަޝީދު އިންޑިއާގެ ބެންގަލޫރަށް ވަޑައިގަންނަވަނީ ދަ ހިންދޫ ނޫހުގެ ފަރާތުން ބާއްވާ އަދަބީ ފެސްޓިވަލެއްގައި ބައިވެރިވެވަޑައިގަތުމަށެވެ. މި ފެސްޓިވަލްގައި ރައީސް ނަޝީދު ދެ ޙަރަކާތެއްގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އެގޮތުން މި މަހުގެ 17 ވަނަ ދުވަހު ރާއްޖޭގެ މިހާރުގެ އިއުލާންކުރެވިފައިވާ ކުއްލި ނުރައްކަލުގެ ޙާލަތާއި އަދި ސުޕްރީމް ކޯޓުގެ އަމުރާ ބެހޭ ގޮތުންނާއި ޖުމްލަކޮށް ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުން ރައީސް ނަޝީދު ވާހަކަ ދެއްކެވުމަށް ހަމަޖެހިފައިވާއިރު، ރާއްޖެ އިން ބޭރުގައި ހުންނަވައިގެން ސިޔާސީ ހަރަކާތް ހިންގެވުމާ ގުޅޭ ގޮތުން ވެސް ޕެނަލެއްގައި ވާހަކަ ދައްކަވާނެއެވެ.
މި ފެސްޓިވަލްގައި ބައިވެރިވެ ވަޑައިގަންނަވާ ސިޔާސީ އަދި މަޝްހޫރު އެހެން ބޭފުޅުންނަށް ބަލާލާއިރު، ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ، އިންޑިއާގެ ދިފާޢީ ވަޒީރު ނިރްމަލާ ސިތަރަމަން، ޕަންޖާބްގެ ޗީފް މިނިސްޓަރ އަމްރިންދަރް ސިންހް، އަންދްރަ ޕްރަދޭޝްގެ ޗީފް މިނިސްޓަރ އެން ޗަންދްރަބާބޫ ނައިޑޫ، އިންޑިއާގެ ކުރީގެ ޤައުމީ ސަލާމަތާއި ބެހޭ މުޝީރު ޝިވްޝަންކަރު މެނޮން އަދި ކުރިން ޕާކިސްތާނުން އެމެރިކާއަށް ކަނޑައަޅާފައި ހުންނެވި ސަފީީރު ހުސައިން ހައްޤާނީ ހިމެނިވަޑައިގަންނަވައެވެ.
ވިޔަފާރި އާއި އިޤްތިޞާދުގެ ދާއިރާގައި ފާހަގަކޮށްލެވޭ ބޭފުޅުންގެ ތެރޭގައި އިންޑިއާގެ މަރުކަޒީ ބޭންކްގެ ކުރީގެ ގަވަރުނަރުން ކަމަށްވާ ޑީ ސުބަރާއޯ އާއި ސީ ރަންގަރަޖާން، ވޮލްމާޓް އިންޑިއާގެ ސީއީއޯ ކްރިޝް އައްޔަރު، އައިކިއާ އިންޑިއާގެ ސީއީއޯ ޕީޓަރ ބެޓްޒެލް އަދި ޑެއިމްލަރ އިންޑިއާގެ އެރިކް ނެސެލްހޯފް ހިމެނިވަޑައިގަންނަވައެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތުން އިނގިރޭސިވިލާތުގައި ދިރިއުޅުއްވަން ފެއްޓެވި ފަހުން ރައީސް ނަޝީދު ވަނީ މީގެ ކުރިން ވެސް އިންޑިއާއަށް ވަޑައިގެންފައެވެ. އެޤައުމުގެ އިސް ބޭފުޅުން ރައީސް ނަޝީދާ ބައްދަލުކުރެއްވި ނަމަވެސް ދިވެހި ސަރުކާރުން މަންދޫބެއް ފޮނުވަން މަސައްކަތްކުރުމުން އިންޑިއާ އިން އެކަމަށް އެއްބަސްވެފައެއް ނުވެއެވެ.