ފާޝަނާ ކިލެގެ މަގުގައި ކުރިން އިންޖީނުގެ ހިންގި ބިމުގައި ހުރި ސްޓެލްކޯގެ (ފަންސާސް ނަމްބަރު) ސަބް ސްޓޭޝަނުގައި ބަޔަކު ގަސްތުގައި ރޯކޮށްލާފައި ވާކަމަށް ބެލެވޭ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ މިހާތަނަށް ބެލި ބެލުމުން މިހާދިސާ ހިނގަން މެދުވެރިވެފައި ވަނީ ބަޔަކު ގަސްތުގައި ރޯކޮށްލައިގެން ކަމަށް ބެލެވޭ ކަމަށާއި މިހާދިސާ މޯލްޑިވްސް ޕޮލިސް ސާވިސްއިން މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ފުލުހުންގެ ފަރާތުން މިހާތަނަށް ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.
އެތަނުގައި ބަޔަކު ގަސްތުގައި އަލިފާން ރޯކޮށްލި ކަމަށް ތުހުމަތު ކުރެވޭ ކަމަށާއި، އެވަގުތު އެސަރަހައްދުގައި ހަރަކާތްތެރިވި އާއްމުންގެ ބަޔަކު، އެތަނުގައި އަލިފާން ރޯކޮށްލި ކަމުގެ ތުހުމަތު ކުރެވޭ ބަޔަކު ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް މަންޒަރު ދުށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. އެހެންނަމަވެސް، ފުލުހުން އަދި އެކަން ކަށަވަރު ކޮށްދީފައެއްނުވެއެވެ.
އެމްއެންޑީއެފުން ބުނީ މިހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ލިބުނީ ބުރާސްފަތިދުވަހުގެ ފަތިހު 04:30 ހާއިރު ކަމަށާއި މިހާދިސާގައި އަލިފާން ރޯވެފައި ވަނީ ފާށަނާކިލެގެފާނު މަގުގައި ހުންނަ ސްޓެލްކޯގެ އިލެކްޓްރިކް ސަބް ސެޓޭޝަނެއްގެ ޑިސްޓްރިބިއުޝަން ފޮއްޓެއްގައި ކަމަށެވެ. މި ޑިސްޓިރިބިއުޝަން ފޮށީގައި ރޯވެފައިވާ އަލިފާން އެފްއާރުއެސްގެ ފަޔަރ ފައިޓަރުން ނިއްވާލާފައި ވަނީ ފަތިހު 04:40 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާއިރު އެ ސްޓޭޝަންގެ އެއް ޑިސްޓިރިބިއުޝަން ފޮށި ވަނީ ބޭނުން ނުކުރެވޭވަރަށް އަނދާފައެވެ. މިހާދިސާގައި އަނދާފައި ވަނީ މާލޭގެ ހަތް ޒޯނަކަށް ކަރަންޓް ދޭ ޑިސްޓްރިބިއުޝަން ފޮއްޓެއް ކަމަށް ސްޓެލްކޯ އިން ބުނެއެވެ.