ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް އަދި މަޝްހޫރު ޤާނޫނީ ވަކީލް ހުސެއިން ޝަމީމް ފުލުހަށް ހާޒިރުވުމަށް އަންގައިފިއެވެ.
ފުލުހުން ޝަމީމަށް ފޮނުވި ޗިޓުގައި ބުނެފައި ވަނީ ހާޒިރުކުރަނީ ތަހުގީގު ކުރަމުން ދާ މައްސަލައަކާ ގުޅިގެން ހޯދާފައިވާ ހެއްކާ ބެހޭ ގޮތުން، މިމަހުގެ 13 ވަނަ ދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ދޮގު މައުލޫމާތު ދީފައިވާ ކަމުގެ ތުހުމަތަށް ސުވާލުކޮށް ބަޔާން ނެގުމަށް ކަމަށެވެ. ޝަމީމް ފުލުހަށް ހާޒިރުވުމަށް އަންގާފައި އޮތީ މިރޭ 8:00 އަށެވެ.
މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން އަދި ދަނބިދަރިކަލުން މުހައްމަދު ނަދީމްގެ ގާނޫނީ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ޝަމީމް ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދިން ކަމަށް ބުނާ މައްސަލައިގައި ހައްޔަރުކޮށްފައިވާ ނަޖުމާ އިބްރާހިމްގެ ގެއިން ފެނުނު ކަޅު ފޮއްޓަކުން ކިތާބީ ހެކި ފެނިފައިވާ ކަމަށް ފުލުހުން ބުނާ ނަމަ އެ ވާނީ ފުލުހުން އެ ފޮއްޓަށް ލާފައިވާ އެއްޗަކަށް ކަމަށެވެ.
ޝަމީމް ވިދާޅުވީ ނަޖުމާ ދިރިއުޅޭ ގެ ބަލާ ފާސްކުރުމަށް ފަހު ފުރަތަމަ އެގެއިން އެބުނާ ފޮއްޓެއް ނުފެންނަ ކަން ފުލުހުން ދިން ލިޔުމުން އެނގޭ ކަމަށެވެ. އަދި ދެ ވަނަ ފަހަރަށް ފުލުހުން އެގޭ ބަލާ ފާސްކުރުމަށް ފަހު ފެނުނު ކަޅުފޮށީގެ ތެރެ އިން ފުލުހުން މިހާރު އެބުނާ ފަދަ އެއްޗެއް ފެނުނު ކަމަށް އެނގެން ނެތް ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ. އަދި އެކަޅުފޮށި ފެނިފައި ވަނީ އެ ފޮށީގެ ވާހަކަ އޭގެ ކުރިން ރައީސް އަބްދުﷲ ޔާމީން ޖަލްސާއެއްގައި އެ ފޮށި ފެންނާނެ ކަމަށް ވިދާޅުވި ފަހުން ކަމަށް ވެސް ޝަމީމު ތުހުމަތުކުރައްވާފައި ވެއެވެ.