ފާޝަނާ ކިލެގެ މަގުގައި ކުރިން އިންޖީނުގެ ހިންގި ބިމުގައި ހުރި ސްޓެލްކޯގެ (ފަންސާސް ނަމްބަރު) ސަބް ސްޓޭޝަނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ، އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު އަށް އަލިފާނުގެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ބުރާސްފަތި ދުވަހުގެ ފަތިހު 04:39 ގައި ކަމަށެވެ. އަދި އަލިފާން ރޯވެފައިވަނީ ގަލޮޅު ސިޓީ ޕާކްގެ ހުޅަނގުން އޮންނަ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ސަބް ސްޓޭޝަނެއްގައި ކަމަށާއި، އެތަނުގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު އިން ނިވާލާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
މަންޒަރު ދުށް ބައެއް ފަރާތްތަކުން ވަނީ، އެތަނުގައި ބަޔަކު ގަސްތުގައި އަލިފާން ރޯކޮށްލި ކަމަށް ތުހުމަތު ކުރެވޭ ކަމަށާއި، އެވަގުތު އެސަރަހައްދުގައި ހަރަކާތްތެރިވި އާއްމުންގެ ބަޔަކު، އެތަނުގައި އަލިފާން ރޯކޮށްލި ކަމުގެ ތުހުމަތު ކުރެވޭ ބަޔަކު ހިފަހައްޓާ ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް، ފުލުހުން އަދި އެކަން ކަށަވަރު ކޮށްދީފައެއްނުވެއެވެ.
މިހާދިސާ އާއި ގުޅޭ އިތުރު ތަފްސީލް ހާމަކުރާނެ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.