ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަނުގެ މައްސަލަތައް ބެލުމުގެ ހިތްވަރެއް މިއަދު ފުލުހުންގެ ނެތް ކަމަށް ކިނބިދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ރާއްޖެޓީވީން ކުރިއަށްގެންދާ ކަވަރޭޖްގައި ވާހަކަދައްކަވަމުން، ރިޔާޒް ވިދާޅުވީ، ދިވެހިރާއްޖޭގައި ފެންމަތިވި އެންމެ ބޮޑު ކޮރަޕްޝަނުގެ މައްސަލަ ކަމުގައިވާ އެމްއެމްޕީއާރްސީގެ ކޮރަޕްޝަނުގެ ތެރެއިން މަންފާ ލިބުނު އެއް ފަރާތެއްގެ ގޮތުގައި ޕީޕީއެމްގައި މިހާރު ހިމެނޭ މަޖިލީސް މެންބަރުން ތިއްބެވި ކަމަށާއި އޭގެ އިތުރުން، އެމްއެމްޕީއާރްސީގެ ފައިސާތައް ޓްރާންސްފާ ކުރުމުގައި މެދުވެރިއެއްގެ ގޮތުގައި ހިމެނުނު އެސްއޯއެފް ކުންފުނީގެ އެކައުންޓުން ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ގޮސްފައިވާ ޔަގީން ވާ ކަމަށެވެ. އެހެން ނަމަވެސް އެ މައްސަލަތައް ބެލި މަންޒަރު ނުފެންނަ ކަމަށް ރިޔާޒް ވިދާޅުވި އެވެ.
"ކީއްވެތޯ ރައީސް ޔާމީންގެ އެއް މިލިއަން ޑޮލަރު ދައުލަތަށް ނުދައްކަންވީ. އަޅުގަނޑަށް މައުލޫމާތު ލިބިފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުން އެފައިސާ ދެއްކުމަށް ރައީސް ޔާމީން އަށް އެޑްވައިޒް ވެސް ދެއްވި ފައިސާ ދައްކަވަން. ކީއްވެތޯ އެފައިސާ ނުދެއްކެވީ. އަމިއްލަ އެއްޗެއްގެ ގޮތުގައި އެ ނިންމަވަންވީ ކީއްވެގެންތޯ," ރިޔާޒް ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ، ރައީސް ޔާމީންއާގުޅޭ ގޮތުން ބެލެނޭ ކިތަންމެ މައްސަލައެއް ހުރި އިރު އަމިއްލަ އަށް އިއުތިރާފުވެފައިވާ އެތައް މައްސަލަތަކެއްވެސް އެބަ ހުރި ކަމަށެވެ.
މީގެ އިތުރުން ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އަށް ފްލެޓްތައް ލިބުނު ގޮތުގެ ހުރިހާ މައުލޫމާތުތަކެއް ލިބިފައިވާ ކަން އެނގިވަޑައިގަންނަވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ. އެހެން ނަމަވެސް އެ މައްސަލަ ނުބަލާ އޮތީ ރައީސް ޔާމީންގެ އެދުމަށް ކަމަށްވެސް ރިޔާޒް ވިދާޅުވި އެވެ. މިމޭރުމުން ވާހަކަދައްކަވާ، މެންބަރު ރިޔާޒް ވަނީ އަދުލް އިންސާފަކީ ކޮބައިތޯ ކަމާ މެދު ސުވާލު އުފައްދާފަ އެވެ.
މިއަދު އަބްދުއްރަހީމް ފަދަ މެންބަރުން ރައީސް ޔާމީން އަރިހުގައި ހުންނެވީ، ރައީސް ޔާމީންގެ ވެރިކަން ނިމިއްޖެ ނަމަ، އެމީހުންނާ ހަމައަށް ގާނޫނު އަރާ ހަމަކުރާނެތީ ކަމަށް ރިޔާޒް ވިދާޅުވި އެވެ. އަދި އެފަރާތްތަކަށް އިތުރު އެއްވެސް އޮޕްޝަނެއްވެސް ނެތް ކަމަށް ރިޔާޒް ވިދާޅުވި އެވެ.